-Advertisement-

-Advertisement-

ލިބުނު ފިލާވަޅާއެކު “އެންޓި ޑިފެކްޝަން” ޤާނޫނު އަލުން އެކުލަވާލަން އެމްޑީޕީން ފަށައިފި

އެމްޑީޕީ ޕީޖީ ގްރޫޕްގެ ބައްދަލުވުމެއްގެ ތެރެއިން – ފޮޓޯ: އެޑިޝަން

ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ ތަމްސީލް ކުރައްވާ 13 މެންބަރަކު އެޕާޓީ ދޫކުރައްވާ ވެރިކަންކުރާ ޕީއެންސީއާއި ގުޅުނުތާ 2 ދުވަސް ނުވަނީސް އެންޓި ޑިފެކްޝަން ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފިކަމަށް އެމްޑީޕީން ބުނެފިއެވެ.

މިއަދު އެމްޑީޕީގެ ޕީޖީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން މިފަދައިން ބުނެފައިވާއިރު، 2018 ވަނައަހަރު އެމްޑީޕީއަށް ވެރިކަން ލިބުނު ދުވަސްކޮޅު، އެމްޑީޕީގެ މެމްބަރުންގެ ތާއީދާ ވެސް އެކު، ކުރިން އޮތް “އެންޓި ޑިފެކްޝަން ޤާނޫނު” ވަނީ އުވާލާފައެވެ.

މަޖިލީހަށް އިންތިޚާބުވި ޕާޓީން ވަކިވެއްޖެ ނަމަ، ވަކިކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ، މަޖިލީހުން ވަކިވާނެ ކަމަށް ކަނޑައަޅާ ޤާނޫނު އަލުން އެކުލަވާލަން އެމްޑީޕީއިން އިސްނަގާފައިވަނީ މެންބަރުން އެޕާޓީ ދޫކުރައްވާ ވަޑައިގަތުމުމާއި ގުޅިގެން ނޫންކަމަށް އެމްޑީޕީއިން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ބުނެފައެވެ.

“13 މެންބަރުން ދިޔައީމާ ނުވަތަ ޕާޓީން އެއްބަޔަކު އަނެއް ބަޔަކަށް ދާތީ ވިސްނާ ވިސްނުމެއް ނޫން. މުސްތަގުބަލުގައި މަޖިލިސް އިސްލާހުކުރުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި، އެހެން ޕާޓީތަކާއި ގުޅިގެން މަޝްވަރާތައް ކުރަމުން އެބަ ގެންދަން” ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް ނޫސްވެރިންނާއި މުޚާތަބުކޮށް ވިދާޅުވިއެވެ.

އެމްޑީޕީ ދޫކުރައްވައި ޕީއެންސީއާއި ގުޅިވަޑައިގަތް މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް 2018 ގައި ވިދާޅުވީ “މަޖިލީހަށް އިންތިހާބުވާ ޕާޓީ ދޫކޮށް، އެހެން ޕާޓީއަކަށް ދިއުމަކީ ރައްޔިތުން އެއްގޮތަކަށް ވެސް ގަބޫލު ކުރާ ކަމެއް ނޫން ކަމަށެވެ.”

އެންޓި ޑިފްކްޝަން ޤާނޫނެއް ފުރަތަމަ ވުޖޫދަށް އައީ 2017 ގައި ސުޕްރީމް ކޯޓުން ކުރި ޙުކުމަކުން އެފަދަ ޤާނޫނެއް ހެދުމަށް ރައްޔިތުންގެ މަޖިލީހުން ލާޒިމް ކުރުމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެމްބަރަކު އެ ބޭފުޅަކު އިންތިޚާބުވި ޕާޓީން ވަކިވެއްޖެ ނަމަ، ވަކިކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ، މަޖިލީހުގެ މެމްބަރުކަމުން ވަކިވާނެ ކަމަށް ޖުލައި 13، 2017 ގައި ސުޕްރީމް ކޯޓުން ޙުކުމް ކުރީ އޭރުގެ ބަންޑާރަ ނައިބު ހުށަހެޅުއްވި ދުސްތޫރީ މައްސަލައަކާއި ގުޅިގެންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-