މާލެސިޓީ މޭޔަރުކަމަށް ވެރިކަންކުރާ ޕީއެންސީ ޓިކެޓްގައި ވާދަކުރައްވާ އާޒިމާ ޝުކޫރު އިންތިޚާބު ނުވެއްޖެނަމަ މާލެސިޓީގެ ތަރައްޤީއަށް ހުރަސްއެޅިދާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ސަރުކާރު ހިންގާ ޕާޓީގެ ކެނޑިޑޭޓަކު މާލެސިޓީ މޭޔަރަކަށް ހޮވުމުން މާލެ ތަރައްޤީ ކުރުމުގައި ސަރުކާރާއި މާލެސިޓީ ކައުންސިލަށްވެސް ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސިފަކުރައްވައި ރައީސް ވިދާޅުވީ ސަރުކާރާ ދެކޮޅު މޭޔަރަކު އިންތިޚާބުކުރުމުން ސަރުކާރާއެކު މަސައްކަތްކުރަން ވަރަށް ދަތިވާނެ ކަމަށެވެ.
“ސަރުކާރަށް ޖެއްސުންކުރަން ނޫނިއްޔާ ސަރުކާރާ އެކީގައި މަސައްކަތްކުރުމުގެ ވިސްނުން ނެތް ޕާޓީއަކުން މީހަކު ހޮވައިފިޔާ ކިހިނެއްތޯ ވާނީ. އަނެއްކާ މާލޭގެ ރައްޔިތުން ތަކުރާރު ކުރަންޖެހޭނީ ކަންކަން ނުވެދާ ދުވަސްތައް. އަޅުގަނޑު ބޭނުންވަނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކަންކަން ކުރަން،” އާޒިމާ ޝުކޫރުގެ މެނިފެސްޓޯ އިޢުލާންކުރުމުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ޑރ. މުޢިއްޒުގެ މޭޔަރުކަމުގައި، އެމްޑީޕީ ސަރުކާރުގެ ފަރާތުން އެކި އެކި ޖެއްސުމާއި ކުރިމަތިލާން ޖެހުނު ކަމަށާއި އެމަނިކުފާނުގެ މޭޔަރުކަމުގެ ދުވަސްވަރު ސަރުކާރާއި ނުބައްސައި ކުރެވެންހުރި ހުރިހާ ކަމެއް މާލެސިޓީއަށް ކޮށްދެއްވިކަން ހަނދާންކޮށްދެއްވިއެވެ.
އާޒިމާ ޝުކޫރުގެ މޭޔަރ ކެންޕޭނުގައި ރައީސް ޑރ. މުޢިއްޒު ދަނީ ޢަމަލީގޮތުން ބައިވެރި ވަމުންނެވެ.