ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރަން ނުފެންނަ ކަމަށް ބުނެ މާލޭ މޭޔަރ ކެންޑިޑޭޓް އާޒިމާ ޝުކޫރަށް ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް ހޫނު ރައްދެއް ދެއްވައިފި އެވެ.
މޭޔަރުކަމަށް ވާދަކުރާ ކެންޑިޑޭޓުންގެ މެދުގައި ރޭ ބޭއްވުނު ބަހުސްގައި އާޒިމާ ވަނީ މަރުގެ ހުކުމް ތަންފީޒު ކުރުމާއި އެއްކޮޅަށް ވާހަކަދައްކާފަ އެވެ. އާޒިމާ ވިދާޅުވީ މަސްތުވާތަކެތި އެތެރެ ކުރާ މީހުންގެ ދޭތެރޭގައި މަރުގެ އަދަބު ދިނުމުގެ ވިސްނުން ސަރުކާރުތަކުން ގެންގުޅެން ޖެހޭ ކަމަށާއި އަދި ބޮޑެތި މައްސަލަތަކުގައި މަރުގެ އަދަބު ތަންފީޒު ކުރުމަކީ އަޅުގަނޑުމެން ވިސްނަން ޖެހޭ ކަމެއް ކަމަށެވެ.
މި ކަމާއި ގުޅިގެން ‘އެކްސް’ގައި ރައީސް މައުމޫން ކުރެއްވި ޕޯސްޓް އެއްގައި ވަނީ އެއްވެސް ސަބަބަކާއިހުރެ ރާއްޖޭގައި މަރުގެ އަދަބ ުދޭން ފެށުމަކީ ފެންނަ ކަމެއް ނޫން ކަމަށާއި ޢާންމުންގެ ތާއީދު ހޯދުމަށްތިޔަ ވާހަކަ ދެއްކުމަކީ ތަޢުލީމީ މީހަކު ކޮށްގެންވާނެ ކަމެއް ވެސް ނޫން ކަމަށެވެ.
މީގެ ކުރިންވެސް ރައީސް މައުމޫން ވަނީ މަރުގެ ހުކުމް ތަންފީޒު ކުރުމާއި ދެކޮޅަށް ވާހަކަ ދައްކާފަ އެވެ. ސަރުކާރުން މަރުގެ ހުކުމް ތަންފީޒު ކުރާނެކަން އިއުލާން ކުރުމުން ވެސް ރައީސް މައުމޫން ވަނީ މަރުގެ ހުކުމް ތަންފީޒުކުރުމަކީ ގައުމީ ތަރައްގީގެ އުސް ލަނޑުދަނޑިއެއް ކަމައް ނުދެނެހުރި ކަމަށް ވިދާޅުވެ ‘އެކްސް’ ގައި ޕޯސްޓެއް ކޮށްފަ އެވެ. އަދި މަރަށް މަރު ހިފުމަކީ އިސްލާމީ ޝަރީއަތުގައި ވަކި ހަމަތަކާއި އުސޫލުތަކެއްގެ މަތިން ކުރަން އޮންނަ ކަމެއް ކަމަށް ވެސް މައުމޫން ވަނީ ވިދާޅުވެފަ އެވެ.