ގައުމިއްޔަތޭ ބުނެވެނީ ހަމަ އެކަނި ބެރުޖެހުމާއި ދަނޑިޖެހުން ފަދަ ކުޅިވަރުތަކަކަށް ނޫނެވެ. ގައުމީ ދުވަހާއި މިނިވަން ދުވަސް ފާހަނގަ ކޮއްލުމަކުން އަދި އެ މީހާ އެއީ ގައުމިއްޔަތު ދިރުވާ، ވަތަނީ މީހަކަށްވެސް ނުވެދާނެ އެވެ. ގައުމިއްޔަތަކީ އޭގެ ތެރޭގައި އެ ގައުމެއްގެ އިސްތިގުލާލިއްޔަތާއި ސަލާމަތާއި ރައްކާތެރިކަން އޭގެ މައްޗަށް ބިނާވެގެންވާ އެންމެހާ އުންސުރުތަކަށް ކިޔާ ނަމެކެވެ. ހަރުދަނާ ގައުމިއްޔަތެއް ގައުމެއްގެ ތެރޭގައި ބިނާވެ އަށަގެންފައި އޮތުމީ އެ ބައެއްގެ ކުރިއެރުމަށް ވަރަށް މުހިންމު ކަމެކެވެ.
ދިވެހީން، ދިވެހިރާއްޖެ، ނުވަދަ މަހަލްދީބު މިއީ ގައުމެއްގެ ގޮތުގައި އެތައް ހާސް އަހަރު ދިރިދެމިި ތިބެއްޖެ ބައެކެވެ. މި ދިގު މާޒީއިން ދިވެހި ގައުމުގެ ކުރިއެރުމާއި، ވެއްޓުމާއި އަދި ތެދެވުން ތަޖުރިބާ ކުރެވިއްޖެ އެވެ. ގައުމިއްޔަތެއް ދިރުވާ އާލާކުރުމުގައި ބަލާންވީ އެ ބައެއްގެ އަސްލު ގައުމިއްޔަތަކީ ކޮބައިތޯކަމެވެ. ދިވެހި ގައުމިއްޔަތާއި އިސްތިގްލާލާއި މެދު ވިސްނާ މީހަކަށް އެންމެ ފުރަތަމަ ވާޖިބުވަނީ އެ ގައުމިއްޔަތޭ މި ކިޔަނީ މި ގައުމު ބިނާވެ އޮތީ ކޮން ކޮން އަސާސްތަކަކަށްތޯ ބެލުމެވެ.
އިހުގެ ދަތުރުވެރީންނާއި މި ރާއްޖެއަށް ޒިޔާރާތްކުރި އެކި ފަރާތްތަކުން ލިޔެފައިވާ ގޮތުގައި ދިވެހީންނަކީ ހިތް ހެޔޮ ބައެއް ކަމުގައި ވެ އެވެ. ދިވެހީންގެ ނަމޫނާ މެހެމާންދާރީއާއި، އަނެކާއަށް ކުރާ އިހްތިރާމާއި، ހިތްހެޔޮކަމަކީ ދިވެހިންގެ ‘އައިޑެންޓިޓީ’ އެވެ. އެއްވެސް އިރެއްގައި ރުޅިވެރިކަމާއި، ނަފްރަތާއި އަދާވާތްތެރިވުމަކީ ދިވެހިން ފަރިތަ ސިފަ ތަކެއް ނޫނެވެ. ދިވެހީންގެ މި ދިގު އެތައް ހާސް އަހަރުވީ ގައުމިއްޔަތުން ފެންނަ މައިގަނޑު އެއް އަސާސަކީ ބޭކާރު އަދާވާތްތަށް އިސްކޮށްގެން ނޫޅުމެވެ. ދުނިޔެއަށް މުހިންމު ކަނޑެއްގެ މެދުގައި، މުސްތަގިއްލު ދައުލަތެއް އުފަންކޮށްގެން ދިވެހީންނަށް ތިބެވޭ މައިގަނޑު އެއް ސަބަބަކީވެސް ގައުމިއްޔަތުގެ އެ އަސާސުގެ ސަބަބުންނެވެ. ތާރީހަށް ތެދުވެރިވެ ހުންނަވާ ބައްލަވާށެވެ. މިއީ ވިޔަފާރީގެ މަގެއްގެ މެދުގައި އޮތް ދައުލަތެކެވެ. މި ކަނޑުގައި އޮޔާ ވައި ދިވެހީން ތިބީ ރަނގަޅަށް ދަސްކޮށްގެންނެވެ. ބޭނުމަކީ ދައުލަތުގެ ސަލާމަތާއި ރައްކާތެެރިކަން ކަށަވަރުކުރުމެވެ.
ދިވެހިރާއްޖޭގެ ވެރިކަމުގެ މާޒީއަށް ބަލާއިރު، ވެރިކަމުގެ ދަރަޖައިގައި ގިނައިން އުޅުއްވާފައި ހުންނެވީީ ދުނިޔޭގެ އޮޔާއި ވައި ރަނގަޅަށް ދެނެވަޑައިގެން ތިއްބަވާ މާލިމީންތަކެވެ. މި ގައުމު މިހާ ދިގު އުމުރެއްގެ މައްޗަށް ދެމިއޮތް އެއް ސަބަބަކީވެސް އެއީ އެވެ. އެބައިމީހުން ތިބީ ބޭކާރު އަދާވާތްތެރިންނާއި ދުރުގަ އެވެ. ތާރީހުން ކުޑަ މިސާލަކަށް ބަލާލާއިރު ބޮޑުތަކުރުފާނު ހަނގުރާމަކޮށް ފައްސާލީ ޕޯޗުގީޒުންނާއި އެކުވެސް އެ ތަކުރުފާނު ބޭއްވީ ސުލްހަވެރި ގުޅުމެކެވެ. އެމީހުން ފައްސާލެއްވުމަށްފަހު އޭގެ އިތުރަށް އެބައިމީހުންނާއި އެއްވެސް ކަހަލަ އަދާވާތްތެރިކަމެށް ނުބާއްވަ އެވެ. ވިޔާފާރީގެ ގުޅުން ގާއިމުވެސް ކުރެއްވި އެވެ.
މި ހުރިހާ ކަމަކަށް ބަލާއިރު، މި ދިވެހިރާއްޖެ އަންނާން އޮތް ޒަމާނަށް އާރާއި ބާރެއްގައި ދެމި އޮތުމަށް ބޭނުންވަނީ އަސްލު ދިވެހިވަންތަ ސިފަތަކެއް ހުރި، ދުނިޔޭގެ އޮޔާއި ވައި ދަންނަ ވެރީންތަކެކެވެ. މިއަދު ގައުމަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު ނުރައްކާ ކުރިމަތިވެފައި އޮތީ ގައުމުން ބޭރުން އަތުވެދާނެ ދުޝްމަނުންގެ ކިބައިން ނޫނެވެ. އެކަމަކު ގައުމު ކުރިއެރުވުމުގެ ނަމުގައި ފޫގަޅައިން އަންނަ ވެރީންތަކެއްގެ ފުށުންނެވެ.