ޖުވެނައިލް ކޯޓުގެ ވެބްސައިޓް ހެކް ކޮށް އިންޒާރު ދީފި އެވެ. އެނގިފައިވާ ގޮތުގައި ހެކަރުންނަކީ އިންޑިޔާގެ ބަރާތިޔާ ހެކާސް ނަމަކަށް ކިޔާ ބައެކެވެ.
ވެބްސައިޓް ހެކް ކުރުމަށް ފަހު ދިވެހިނަށް މެސެޖެއް އެ ވެބްސައިޓް ގައި އެމީހުން ހިއްސާކޮށްފައިވެއެވެ.
އޭގައި ވަނީ އެމީހުން ސައިޓް ހެކްކޮށްފައިވަނީ ދާދިފަހުން ސަރުކާރުގެ ވަކި މެންބަރުން ދެއްކެވި އިންފްލެމޭޓަރީ އަދި އޮފެންސިވް ބަޔާންތަކަށް ރައްދު ދިނުމުގެ ގޮތުންނެވެ.
މަލްޝާ، ހަސަން ޒިހާން އަދި މަރިޔަމް ޝިއުނާ ފަދަ ބޭފުޅުންގެ ލިޔަންކިޔަން ނޭނގޭ އަދި ނަސްލީ ތަފާތުކުރުން ގެންގުޅޭ ވާހަކަތަކަކީ ހަމައެކަނި ލަދުވެތިވާހަކަތަކެއް ނޫން ކަމަށާއި ގައުމުތަކުގެ ޑިޕްލޮމެޓިކް ގުޅުމަށް ވެސް ގެއްލުން ހުރި ވާހަކަތަކެއް ކަމަށެވެ.
އިންޑިޔާގެ ފަރާތުން ރާއްޖެއަށް ލިބިފައިވާ ތާރީޚީ އެހީތެރިކަމާއި އެއްބާރުލުން ހަނދާންކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި އިންޑިޔާގެ ސަގާފަތާބެހޭގޮތުން ކުރެވޭ އިޙްތިރާމް ކުޑަ ކޮމެންޓްތަކާއި، މާޒީގެ އެހީތެރިކަމާއި އެއްބާރުލުން ދިނުމާ ބެހޭގޮތުން ފެންނަ ފެނުމުގައި ހަނދާން ނެތުމަކީ ވަރަށް ފުންމާޔޫސް ކަމެއް ކަމަށެވެ.
މިއީ އިންޒާރެއްގެ ގޮތުގައި ބަލައި، މިފަދަ ނަފްރަތުގެ ވާހަކަތަކާއި ނަސްލީ ތަފާތުކުރުންތައް ކުރިއަށް ގެންދިއުމަކީ ތަހައްމަލެއް ނުކުރެވޭނެ ކަމެއް ކަމަށާއި.
އިންޑިޔާއަށް ރާއްޖޭގެ ސައިބަރ ސްޕޭސްއަށް ވަރަށް ބޮޑަށް އަސަރު ފޯރުވާފާނެ ފިޔަވަޅުތައް އެޅުމުގެ ޤާބިލުކަން އެބައޮތް ކަމަށެވެ.
މީގެ އިތުރުން އެ އިންޒާރުގައި ވަނީ މި ޕްރޮވޮކޭޝަން ވަގުތުން ހުއްޓާލައި، އޭގެ ސަބަބުންކުރިމަތިވެދާނެ ނަތީޖާތަކާ މެދު ވިސްނާލުމަކީ ތިބާގެ މަސްލަހަތަށްއެންމެ ރަނގަޅު ކަމެއް ކަމަށެވެ.
އަދި އިންޑިޔާ އިން އިސްކަންދެނީ ގައުމު ތަކުގެ މެދުގައި އުފެދޭ ޚިޔާލުތަފާތުވުންތަކަށް ބިނާކުރަނިވި އަދި ސުލްޙަވެރިކަމާއެކު ހައްލެއް ހޯދުމަށް ނަމަވެސް، މިސުލޫކުގެ އުސޫލު ދެމިއޮތްނަމަ، ކަނޑައެޅިގެން ޖަވާބުދާރީވުމަށް އިންޑިޔާއިން ފަސްނުޖެހޭނެ ކަމަށެވެ. މި ސަރުކާރުން ދަތުރުކުރަމުންދާ މިސްރާބާމެދު ރަނގަޅަށް ވިސްނާލުމަށް އެދިފައި ވެސް ވެއެވެ. އަދި އެހެން ބުނީ އެކަމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެތީ ކަމަށް ވެއެވެ.