ޔަމަނުގައި ހަރަކާތްތެރިވާ ހޫސީންގެ ސަބަބުން، ރަތް ކަނޑުން ދަތުރުކުރާ ކޮންޓޭނަރު ބޯޓުތައް ސަލާމަތްކުރަން އިނގިރޭސި ކަނޑުގެ ސިފައިން ރަތްކަނޑަށް ނުކުމެއްޖެ އެވެ.
އުތުރު އެމެރިކާއާ ޔޫރަޕުން މުދާ ބަރުކޮށްގެން މިސްރުގެ ސުއޭޒް ކަނޑުއޮޅި ހުރަސްކޮށް ރަތް ކަނޑަށް ނުކުންނަ މުދާ އުފުލާ ބޯޓުތަކަށް ހޫސީން ޑްރޯނާއިމިސައިލް ބޭނުންކޮށްގެން ހަމަލާދެއެވެ. އަދި އެއިން ބޯޓެއްގައި އިޒްރޭލުގެ މުދާހުރި ނަމަ ހޫސީންގެ ހަމަލާތައް ވަރުގަދަކުރެ އެވެ.
ހޫސީންގެ ހަމަލާތައް މަތަކުރުމަށާއި އެ ޖަމާއަތް ބަލިކޮށް ނައްތާލުމަށް އެެމެރިކާގެ ފަރާތުން އިސްނަގައިގެން ބައިނަލްއަގްވާމީ ބާރެއް މިހާރު ވެސް ރަތްކަނޑުގައި ހަރަކާތްތެރިވަމުން އެބަ ދެއެވެ.
އެމެރިކާ ބުނާ ގޮތުގައި ހޫސީން ބަލިކުރުމަށްޓަކައި އިތުރު ގައުމުތަކުން އެހީތެރިކަން ބޭނުންވެ އެވެ. ހޫސީންގެ ރޭވުންތެރިކަން ހުންނަނީ ޖާނުން ފިދާވާންޖެހިއްޖެ ނަމަ އެކަން ވެސް ކުރާ ގޮތަށެވެ.
ހޫސީން ބުނީ އެ މީހުންގެ އެދުމަށް އިޖާބަލިބެންދެން ރަތް ކަނޑުގެ ރައްކާތެރިކަން ކަށަވަރުކުރާކަށް ނުކެރޭނެ ކަމަށެވެ. އެމެރިކާ ނުވަތަ މުޅި ދުނިޔެ ރަތްކަނޑަށް ނުކުތް ކަމަށް ވީ ނަމަވެސް ހޫސީންގެ ހަމަލާތައް ނުހުއްޓުވޭނެ ކަމަށް ވެސް އެ ޖަމާއަތުން ބުނެފައިވެއެވެ.
ހޫސީންގެ އެދުމަކީ ޔަހޫދީންގެ އަނިޔާވެރިކަމުން ފަލަސްތީން ސަލާމަތްކުރުމެވެ. އަދި މިނިވަން ދައުލަތެއް ގޮތުގައި ފަލަސްތީނަށް ހަރަކާތްތެރިވެވުމެވެ.
ރަތް ކަނޑުގައި މިހާރު ހަރަކާތްތެރިވާ ބައިނަލްއަގްވާމީ އަސްކަރީ ބާރުގައި އެމެރިކާގެ އިތުރުން އޮސްޓްރޭލިއާ، ޖަޕާން، ޔޫރަޕްގެ ބައެއް ގައުމުތައް، އިންޑިއާއަދި ސްރީލަންކާ ވެސް ބައިވެރިވެ އެވެ.