އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި ސައުތް އެފްރިކާއިން އިޒްރޭލާއި ދެކޮޅަށް ހުށަހެޅި މައްސަލައަށް ދިވެހިރާއްޖެ ހިމެނޭހެން 60 ގައުމަކުން ތާއީދުކޮށްފިއެވެ.
ދެކުނު އެފްރިކާއިން ހުށަހެޅި މިމައްސަލައަށް ފާޅުގައި ދެކޮޅުހަދައި، އިޒްރޭލުން ޤަތުލުޢާއްމު ހިންގާފައި ނުވާކަމަށް ބުނެފައިވަނީ އެމެރިކާއާއި އިނގިރޭސިވިލާތުންނެވެ.
އިޒްރޭލުން ފަލަސްތީނުގައި ހިންގަމުން ގެންދަނީ ގަތުލްއާއްމުތަކެއް ކަމާއި އެއީ ހަނގުރާމައިގެ ޖަރީމާތަކެއް ކަމަށް ބުނެ ދެކުނު އެފްރިކާއިން އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ) އަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް މިހާރު ވަނީ ފަށާފައެވެ.
ދެކުނު އެފްރިކާގެ ފަރާތުން ހުށަހެޅި މައްސަލަ އައިސީޖޭގައި އިއްވަމުން އެގައުމުގެ ޖަސްޓިސް މިނިސްޓަރު ރޮނާލްޑް ލަމޯލާ ބުނެފައިވަނީ ވޭތުވެދިޔަ 75 އަހަރު ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް އިޒްރޭލުން ހިންގަމުން ގެންދާ ގަތުލުއާއްމުގެ އެކި ކުށްތަކާއި 2004 އިން ފެށިގެން ގާޒާ ސަރަޙައްދުގައި އިޒްރޭލުން އަންނަނީ ވައިގެ ސަރަހައްދާއި، ކަނޑުގެ ސަރަހައްދާއި، އެއްގަމު ބޯޑަރުތަކާއި، ކަރަންޓު އަދި ހިދުމަތް ފަދަ ކަންކަން ކޮންޓްރޯލްކޮށް ނަހަމަ ގޮތުގައި އަނިޔާވެރިވަމުންދާކަމަށެވެ.
ދެކުނު އެފްރިކާ ތަމްސީލުކުރާ ވަކީލުން ވަނީ ގަތުލުއާއްމުގެ ހެކި ފެންނަ އެކި ވީޑިއޯތަކާއި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ފަލަސްތީނުގެ ރައްޔިތުންނަކީ ޖަނަވާރުންތަކެއް ކަމަށާއި އެ މީހުން މަރާލަން ޖެހޭ ކަމަށް ބުނާ ވީޑިއޯ ފޫޓޭޖް ކޯޓަށް ހުށަހަޅާފައެވެ.