އަވައްޓެރި ހިންދުކަރައަކީ ޒަމާނުއްސުރެވެސް ދިވެހިރާއްޖެއާއި ހުރިހާ ގޮތަކުންވެސް ގާތް ގުޅުންތަކެއް އޮންނަ ޤައުމެކެވެ. ބޮޑު ކަމެއް ދިމާވެއްޖިއްޔާ ގިނަފަހަރަށް އެހީގެ އަތް ދިގުކޮށްލަނީވެސް އިންޑިއާ އިންނެވެ. ޤައުމު ނުރައްކަލަށް ވެއްޓޭ ދަނޑިވަޅެއްގައިވެސް ހިމާޔަތަށް އަންނަނީ އިންޑިއާ އިންނެވެ.
ޒަމާން ބަދަލުވެ އިންޑިއާ އާއި ދިވެހިރާއްޖޭގެ ދެމެދުގައިވެސް ދެރައްޓެހިން ދޭތެރޭ ޖެހޭ މައްސަލަތައް ފަދައިން މައްސަލަ ޖެހި ގުޅުމަށް ބުރޫއަރާ ހިސާބަށް ގޮއްސިއެވެ. ދިވެހިރާއްޖޭގައި “އިންޑިއާ އައުޓް” ކެންޕޭން ކުރިއަށް ދަނީއެވެ. އިންޑިއާގައި “ބޮއިކޮޓް މޯލްޑިވްސް” ކެންޕޭން ފަށައިގެން ބާރު ސްޕީޑުގައި ކުރިއަށް ގެންދަނީއެވެ.
ޔަޤީންވާ އެއްކަމެއް އެބައޮތެވެ. އިންޑިއާއާއި ގުޅުން ގޯސްވެގެން ރާއްޖެއަށް ވާނީ ފައިދާއަށް ވުރެ ބޮޑަށް ގެއްލުމެވެ.
އިންޑިއާއާއި ރާއްޖޭގެ ގުޅުން މިހާބޮޑަށް ގޯސްވާން ޖެހުނީ ކީއްވެހެއްޔެވެ؟ ޒިންމާވާނީ ކޮންފަރާތެއް ހެއްޔެވެ؟ މިކަން މިހިސާބަށް ދިޔައީ ހަމަ ކުއްލިއަކަށް ހެއްޔެވެ؟
ސިޔާސީ މަންފާތަކެއް ހޯދުމަށްޓަކައި ރާއްޖޭގެ އެންމެ ބޮޑު ދެ ޕާޓީ ކަމުގައިވާ އެމްޑީޕީއާއި ޕީޕީއެމް އިން ކޮށްފައިވާ ކަންތައްތަކަކީ މިއަދު އިންޑިއާ-ރާޢްޖެ ހާލަތު މިހިސާބަށް އަންނަން ޖެހުނު އެންމެ ބޮޑު ސަބަބެވެ. މި ދެޕާޓީގެ އިސްސަފުގައި ތިބިމީހުން ވަނީ ވެރިކަމުގައި ތިބި ދުވަސްކޮޅާއި އިދިކޮޅުގައި ތިބި ދުވަސްކޮޅު ސިޔާސީ ހަތިޔާރަކަށް “އިންޑިއާ” އެކި ގޮތްގޮތުން ބޭނުން ކޮށްފައެވެ.
ސިޔާސީ ބޭނުމަށް “އިންޑިއާ” ބޭނުންކުރަން ފެށިކަން ފާހަގަވާން ފެށީ ރައީސް ޔާމީން ދައުރުގައެވެ. އިންޑިއާގެ ކުންފުންޏަކަށް ދީފައި އޮތް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އަލުން އަތުލިއެވެ. އިންޑިއާ އާއި އެކުވެފައިވާ ދިފާޢީ އެއްބަސްވުންތައް އުވާލުމުގެ މަސައްކަތް ކުރެވުނީވެސް ރައީސް ޔާމީންގެ ދައުރުގައެވެ. ރައީސް ނަޝީދުގެ ދައުރުގައި އިންޑިއާ އިން “ހަދިޔާ” ކުރި ހެލިކޮޕްޓަރާއި ސިފައިންގެ ކަންކަމުގައި ދެޤައުމުގެ ދެމެދުގައި ޚިޔާލުތަފާތުވުން އުފެދިފައިވާކަން ޢާއްމުންނަށް އެނގުނީވެސް އެދުވަސްވަރުއެވެ. މިހުރިހާ ކަމަކާއި އެކު ދިވެހިރާއްޖެ އޭރު ދިޔައީ އެއްގޮތަށް ވުރެ ގިނަ ގޮތުން އިންޑިއާއާއި ވާދަވެރި ޗައިނާއާއި ގުޅުން ބަދަހިކޮށް ވަރުގަދަކުރަމުންނެވެ.
ރައީސް ޔާމީން ގެންގުޅުއްވީ އިންޑިއާ އަށްވުރެ ބޮޑަށް ޗައިނާއާއި ގާތް ގުޅުން އޮތް ސިޔާސަތެކެވެ. އިންޑިއާ އާއި ޗައިނާއަކީ އޭޝިއާ ސަރަޙައްދުގައި އޮތް އެންމެ ބޮޑު ދެ ބާރަށް ވުމާއެކު ދެޤައުމުގެ އެހިތެރިކަމާއި އެއްބާރުލުން ދިވެހި ސަރުކާރަށް ބޭނުންވާނެއެވެ. ނަމަވެސް ރައީސް ޔާމީން އިސްކޮށްފައިވަނީ އިންޑިއާ އަށް ވުރެ ބޮޑަށް ޗައިނާއެވެ. ޗައިނާގެ އެހީގައި މާލެސިޓީ ސަރަޙައްދުގައި ބްރިޖަކާއި އުސް ޢިމާރާތަތްކެއްވެސް އެޅިއެވެ. ހައުސިން ޕްރޮޖެކްޓްތަކުގެ ރިކޯޑް ޤާއިމްކުރިއެވެ.
ރައީސް ޔާމީންގެ ވެރިކަމަށްފަހު ދެން ވެރިކަމާ ހަވާލުވީ އެމްޑީޕީން ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުއެވެ. ރައީސް އިބޫ ޚިޔާރުކުރެއްވީ އިންޑިއާ ފަސްޓް ޕޮލިސީއެވެ. ބައެއް ފަހަރު ރާއްޖެއަށް ވުރެ އިންޑިއާ މުހިއްމުހެން ހީވާވަރަށް އިންޑިއާއާއި ގާތެވެ. އިންޑިއާގެ އެހީގައި ރައީސް އިބޫވެސް ބްރިޖެއް އަޅަން ފެށިއެވެ. އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން އަންނަ ޤައުމަކަށް އިންޑިއާ ހެދުމަށް ގިނަ ހޭދަތަކެއް ކޮށް އެކަން ކާމިޔާބު ކުރިއެވެ. ދަރަންޏަށް އެތައް ފައިސާއެއް އިންޑިއާއިން ނެގިއެވެ. އިންޑިއާއާއި އެކު ގޮތް ނޭނގޭ އެއްބަސްވުންތަކެއް ހެދިއެވެ. ދިވެހިރާއްޖޭގައި އިންޑިއާގެ ސިފައިން ދާއިމީކޮށް ތިބެވޭނޭ އިންތިޒާމް ހަމަޖެއްސިއެވެ. ނުވިތާކަށް އިންޑިއާ ސިފައިންގެ އަދަދު ނުވަތަ އިންޑިއާއާއިއެކު ހަދާފައިވާ އެއްބަސްވުމެއް ހާމަކޮށްފިނަމަ، ދިވެހިރާއްޖެއަށް ކާބޯތަކެތި ނުލިބިދާނެކަމަށްވެސް ބުންޏެވެ. ކުރު ގޮތަކަށް ބުނާނަމަ ޗައިނާއާއި ގާތް ގުޅުން ބޭއްވި ޕީޕިއެމް “ޖެލަސް” ވާނެ ހުރިހާ ކަމެއް ކުރިއެވެ.
އިދިކޮޅުގައި އޮތް ޕީޕީއެމްއަށް މިކަން ވީ ރަނުގެ ފުރުސަތަކަށެވެ. ރައްޔިތުން ސަރުކާރާއި ދެކޮޅުވެރި ކުރުމަށް ޖަހާނެ މަޅިއެއް ފެނުނީއެވެ. އެމްޑީޕީގެ ސަރުކާރުން އިންޑިއާއާއިއެކު “ނަހަލާލު” އެއްބަސްވުން ތަކެއް ހަދައިފިކަމަށް ބުނަން ފަށައިފިއެވެ. އިންޑިއާ ސިފައިން ރާއްޖޭގައި ތިބި ތިބުމާއި ދެކޮޅަށް އަޑު އުފުލައި “އިންޑިއާ އައުޓް” ކެންޕޭން ވުޖޫދަށް ގެނައެވެ. އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާދެކޮޅަށް ކުރި މުޒާހަރާތަކާއި އެއްވުންތަކާއި ޖަލްސާތައް ބޭއްވީ ޕީޕީއެމް ޕީއެންސީ ކޯލިޝަނުން އިސްވެ އޮވެއެވެ. ދިވެހިރައްޔިތުން އިންޑިއާ އާއި މެދު ދެކެމުންއައި ގޮތް މުޅިން ބަދަލުކޮށްލުމަށްޓަކައި އިންޑިއާއިން އޮޅުވާލައިގެން ރާއްޖޭގެ މައްޗަށް އަތްގަދަކޮށް ރާއްޖޭގެ މިނިވަންކަން ގެއްލުވާލަމުންދާ މަންޒަރު ކުލަކޮށް ޓީވީ ތަކުންނާއި ސޯޝަލް މީޑިއާއިން ދައްކަން ފެށިއެވެ.
ސަރުކާރު ހިންގަން އޮތް އެމްޑީޕީ ކަހާތަން ހިރުވާވެސް ނުލައެވެ. އިންޑިއާ އައުޓް އަކީ ސިޔާސީ ކެންޕޭނެއް ކަމަށް ސިފަކުރިއެވެ. އަދި އިހުނަށް ވުރެވެސް އިންޑިއާއާއި ގުޅުން ގާތްކޮށް އިދިކޮޅު ޕީޕީއެމްއަށް “ޖެއްސުން” ކުރަން ފެށިއެވެ. އިންޑިއާއިން “ޔޯގާ” ކިޔަވައިދޭން “ގުރޫ” އިންވެސް ގެނައީއެވެ. ކުދި ރަސްމިއްޔާތުތައް ޝަރަފުވެރިކުރުމަށްވެސް އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ގެންދަން ފެށިއެވެ. ސިވިލްސަރވަންޓުންނަށް ތަމްރީންދޭންވެސް އިންޑިއާއަށް ފޮނުވަން ފެށީއެވެ.
2023 ގައި ބޭއްވުނު ރިޔާސީ އިންތިޚާބު ކެންޕޭނުގައި ޕީޕީއެމް/ޕީއެންސީ އިން އެންމެ ގިނައިން ބޭނުންކުރި އެއް ލަފުޒަކީވެސް “އިންޑިއާ” އެވެ. ދިވެހިރާއްޖޭގެ ރިޔާސީ އިންތިޚާބުގެ ކަންކަން ބަލަމުންދިޔަ ބޭރުގެ ފަރާތްތަކަށް ވެސް ޔަޤީން އެއްކަމެއް އޮތެވެ. އެމްޑީޕީގެ ކެނޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ސާލިހު އިންތިޚާބު ކާމިޔާބު ކުރުމަށް އިންޑިއާ އިން އޮތީ އެދިއެދި ކަމެވެ. އަދި ޕީޕީއެމް ކެނޑިޑޭޓް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހޮވިއްޖެނަމަ، ރައީސް ޔާމިންގެ ދައުރުގައި އޮތް “ރާއްޖެ-ޗައިނާ” ސިޔާސަތު އިއާދަވާނެކަމެވެ.
ކަން ވީ ހަމަ ހީކުރި ގޮތަށެވެ. ރައީސް ޑރ. މުޢިއްޒު އިންތިޚާބު ކާމިޔާބު ކުރުމުން އިންޑިއާގެ ނޫސްތަކުން ރިޕޯޓްކުރީވެސް “ޗައިނާއާއި ގާތް ގުޅުން އޮންނަ މުޢިއްޒު” ވެރިކަމަށް އައީކަމަށެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކަންތައް ކުރެއްވީ ހަމަ މިބީދައިންނެވެ. އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް އިންޑިއާގައި އެދިވަޑައިގަތެވެ.އިންޑިއާއާއިއެކު ހަދާފައިވާ މުހިއްމު އެއްބަސްވުންތައް ބާތިލް ކުރިއެވެ. ދައުރުގެ ފުރަތަމަ ފުރަމާނަ ދަތުރުފުޅުގައި ވަޑައިގަތީ ޗައިނާއަށެވެ. މުހިއްމު އެތައް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. ދައުރުގައި ހިންގަން އެކަށައެޅި ބޮޑެތި ޕްރޮޖެކްޓްތަކުގެ މަސައްކަތްތަކަށް ޗައިނާގެ ކުންފުނިތައް އިންވެސްޓްކުރަން ފުރުސަތު ދިނެވެ.
މިއަދު އިންޑިއާއާއި ރާއްޖޭގެ ރައްޔިތުން ސޯޝަލްމީޑިއާގައި ހަޑިހުތުރު ބަހުން ޒުވާބުކޮށް އެއްބަޔަކު އަނެއް ބަޔެއްގެ އަބުރަށް އަރައިގަންނަނީއެވެ. ޤައުމުގެ ވެރިންގެ ކާޓޫނު ކުރަހައި އެޔަށް މަލާމާތް ކުރަނީއެވެ. އެއްބަޔަކު އަނެއް ބަޔެއްގެ ދީނާއި ފޮށެނީއެވެ. މިހުރިހާ ކަމެއްގެ ފަހަތުގައި ވަނީ ސިޔާސީ ޕާޓީތަކުން ރައްޔިތުންގެ ތެރެއަށް ދޫކޮށްފައިވާ ފިކުރުތަކެވެ. އެއްބަޔަކު އިންޑިއާ ނެތިއްޔާ ބަނޑަށް ޖެހޭނެ ކަމަށް ބުނިއިރު އަނެއް ބަޔަކު ބުނީ އިންޑިއާއަކީ ރާއްޖޭގެ މިނިވަންކަމުގެ ދުޝްމިނެކެވެ.
އެމްޑީޕީއާއި ޕީޕީއެމް އިންވެސް “އިންޑިއާ” ބޭނުންކުރީ އަދި މިހާރުވެސް ބޭނުންކުރަނީ ސިޔާސީ ހަތިޔާރެއް ގޮތުގައެވެ. ދިވެހި ޤައުމުގައި މިހާރު “އިންޑިއާ” ދެކެ ނަފުރަތުވާ އެތައް ބަޔަކު އެބަތިއްބެވެ. އަދި އިންޑިއާއާއި ދެކޮޅު ވާހަކަ ދައްކާ މީހުންދެކެ ނަފުރަތުކުރާ މީހުންވެސް އެބަތިއްބެވެ.
ޙަޤީޤަތަކީ ރާއްޖޭގެ ކަންކަމުގެ ތެރެއަށް އިންޑިއާ ވައްދަނީ ވެސް ދިވެހިންނެވެ. އެކަމާ ފާޑުކިޔަނީވެސް ދިވެހިންނެވެ. އިންޑިއާ ގެނައީވެސް ދިވެހިންނެވެ. ފޮނުވާލަން ގޮވަނީވެސް ދިވެހިންނެވެ.