ދިވެހިރާއްޖޭގެ ކާރިޖީ ވުޒާރާގެ އިސް އޮފިޝަލުންނާއި އިންޑިއާގެ އެމްބަސީގެ އިސް ބޭފުޅުންގެ ބައްދަލުވުމެއް ފަށައިފިއެވެ. މަޢުލޫމާތު ލިބޭ ގޮތުގައި މިބައްދަލުވުން ކުރިއަށް ދަނީ ޚާރިޖީ ވުޒާރާގައެވެ.
އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު ހިމެނޭހެން 5 ބޭފުޅަކު ރާއްޖޭގެ ޚާރިޖީ ވުޒާރާއަށް މިއަދު ހެނދުނު 09:30 ހާއިރު ވަނީ ވަޑައިގެންފައެވެ. މިބައްދަލުވުމާއިބެހޭ އެއްވެސް ރަސްމީ މަޢުލޫމާތެއް ޚާރިޖީ ވުޒާރާއިން ހާމަކޮށްފައި ނުވެއެވެ. ނަމަވެސް ނިއުސްލެބަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިބައްދަލުވުމުގެ މައިގަނޑު މަޤްސަދަކީ އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމާބެހޭ މަޝްވަރާތަކެވެ.
ދިވެހިރާއްޖޭގައި އިންޑިއާގެ 88 ސިފައިން ޤާއިމުވެގެން ތިބޭކަން ސަރުކާރުން ހާމަކޮށްފައިވާއިރު، އިންޑިއާއިން ސިފައިން ގެންދިޔުމަށް އެއްބަސްވެފައިވާކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
އިންޑިއާއަށް ނިސްބަތްކޮށް ރައީސް ޑ. މުޙައްމަދު މުޢިއްޒު ވަނީ ހޫނު ބަހުގެ ހަމަލާތަކެއް، ޗައިނާ ދަތުރު ނިންމަވާލެއްވުމަށްފަހު ދެއްވާފައެވެ. މިގޮތުން އެއްވެސް ޤައުމަކަށް ރާއްޖެ ބުލީ ނުކުރެވޭނެކަމަށާއި ރައްޖެއަކީ އެއްވެސް ޤައުމެއްގެ ބެކްޔާޑެއް ނޫންކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.