ރާއްޖޭގައި ހެއްދޭ ދަނޑުވެރި ހުރިހާ ބާވަތެއް ހެއްދޭ ގޮތަށް އުތުރުތިލަފަޅުގައި އެގްރިކަލްޗާ އެސްޓެބްލިޝްމަންޓްއެއް ގާއިމުކުރުމަށް ޗައިނާއާއެކު މަޝްވަރާކުރެއްވި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރު ފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެން ނޫސްވެރިންނާއި ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި މަޝްވަރާ ކުރެވުނީ ގާތްގަނޑަކަށް ދެ ލައްކަ މީހުންގެ ސަޕްލައިއެއް ދެވޭ ވަރު ތަނެއް ހެދުމަށެވެ.
އުތުރުތިލަފަޅު ހިއްކުމަށް ފަހު އެ ތަނުގައި ކުރިއަށް ދަނީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއަށް ބަނދަރާއި ޑޮކްޔާޑެއް ހެދުމުގެ މަސައްކަތެވެ.
މިއީ ކުރީ ސަރުކާރުގެ ނިންމުމެކެވެ.
އެ މަޝްރޫއު 186 މިލިއަން ޑޮލަރު (2.9 ބިލިއަން ރުފިޔާ) އަށް ހަވާލުކޮށްފައި ވަނީ އިންޑިއާގެ ރެއިލްވޭ ކުންފުންޏެއް ކަމަށްވާ ރެއިލް ވިކާސް ނިގާމްއާ އެވެ.