ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ކުންފުނިތަކާއި ހިދުމަތްތެރިންގެ މަސައްކަތްތައް ފާހަގަކޮށް ދެވޭ ޓްރެވެލޫޝަން އެވޯޑް މި އަހަރުގެ އޭޕްރިލް މަހު ބޭއްވުމަށްނިންމައިފި އެވެ.
މި އެވޯޑަކީ ޓޫރިޒަމް މިނިސްޓްރީ ، އެމްއެމްޕީއާރުސީ ، އެމްޓީޑީސީ އަދި އެމްއައިޓީސީގެ ފަރާތުން އެންޑޯސްކޮށްފައިވާ އެވޯޑެކެވެ.
އަދި އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އާއި ޝެފްސް ގިލްޑްސް އޮފް މޯލްޑިވްސްގެ އިތުރުން ނެޝެނަލް ބޯޓިން އެސޯސިއޭޝަންސް އޮފް މޯލްޑިވްސްއާއި ނެޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ވެސް މި އެވޯޑު ވަނީ އެންޑޯސްކޮށްފަ އެވެ.
ޓްރެވެލޫޝަން އެވޯޑްސްގައި ފަސް ދާއިރާއަކުން އެވޯޑު ދިނުމަށް ހަމަޖެހިފައި ވާއިރު މި އެވޯޑުތަކަކީ ތަޖުރިބާކާރު ޖަޖުންގެ ޕެނަލަކުން ބެލުމަށް ފަހު, އާއްމުންގެވޯޓާ އެކު ދޭ އެވޯޑުތަކެކެވެ.
މި އެވޯޑުތަކުގެ ތެރޭގައި އެކި ކެޓަގަރީތަކަށް ބަހާލައިގެން, އެކި ފެންވަރުގެ ހޮޓެލްތަކާއި ގެސްޓް ހައުސް އަދި ވިލާތަކުން 50 އަށް ވުރެ ގިނަ ފަރާތްތަކަށް ދޭޓޫރިޒަމް އެވޯޑާއި ޓެކްނޮލޮޖިކަލް އަދި ލޮޖިސްޓިކަލް ވަސީލަތްތައް ހިމެނޭގޮތަށް އެކި ޕްރޮޑަކްޓުތައް ޓޫރިޒަމް އިންޑަސްޓްރީ އަށް ފޯރުކޮށްދެމުންދާ 15 އަށްވުރެ ގިނަ ސަޕްލަޔަރުންނަށް ދިނުމަށް ހަމަޖެހިފައިވާ ސަޕްލަޔާ އެވޯޑްސް ހިމެނެ އެވެ.
މީގެ އިތުރުން އޭވިއޭޝަން, ޓްރެވަލް އެންޑް ޓޫރިޒަމް, ލިވަބޯޑްސް އަދި ގެސްޓް ހައުސްތަކާއި ޓްރެވަލް އޭޖެންސީތަކުގެ ތެރެއިން އަގުހުރި ހިދުމަތްތަކެއްފޯރުކޮށްދީފައިވާ ފަސް ފަރާތަކަށް ދޭ ޓްރެވެލޫޝަން އުޓްސްޓޭންޑިން ކޮންޓްރިބިއުޝަން އެވޯޑްސް ހިމެނެ އެވެ.
އަދި ހަމަ އެހެންމެ މި އެވޯޑު ހަފްލާގައި ދިގު މުއްދަތަކަށް ޓޫރިޒަމް ދާއިރާ އަށް ހިދުމަތްކޮށްފައިވާ ފަރާތަކަށް ޓްރެވެލޫޝަން ލައިފްޓައިމް އެވޯޑް ދިނުމަށް ވެސްވަނީ ހަމަޖެހިފަ އެވެ.