އިރުވައި މޫސުމާ އެކު ވައިގެ މިސްރާބު ބަދަލުވުމުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވާ ވައި ނުސާވުމުގެ މައްސަލަ މި އަހަރު ވެސް ކުރިމަތި ވުމާއި އެކު މާލެ ސަރަހައްދުގެ ވައި މިއަދު ވަރަށް ބޮޑަށް ނުސާފުވެއްޖެ އެވެ.
ވައިގެ ކޮލިޓީ އެނގޭ ގޮތަށް ހަދާފައިވާ ވެބްސައިޓްތަކުން ދައްކާ ގޮތުގައި، މާލެ ސަރަހައްދުގެ ވައިގެ ނުސާފުމިން ހުރީ އެއާ ކޮލިޓީ އިންޑެކްސް (އޭކިއުއައި) އިން ބަލާނަމަ 71 ގަ އެވެ. އެއީ ވައިގެ ނުސާފުމިނަށް މިންކުރާ ނަމަ ދަށް ފެންވަރެކެވެ.
ވައިގެ ފެންވަރު ދަށްކަމަށް ބަލަނީ 50-99 ސްކޭލްގައި ހުރެއްޖެނަމައެވެ. އެ މިންވަރަށް ބަލާއިރު، ނާޒުކު ހާލަތުގައި ތިބި މީހުންގެ ސިއްހަތަށް މިކަމުން އަސަރުކުރާނެއެވެ. ނޭވާލާން އުނދަގޫވާ ނުވަތަ ކަރުގައި ރިއްސުން ފަދަ އަލާމާތްތައް ފެނިއްޖެ ނަމަ ބޭރުގައި ހޭދަކުރާ ވަގުތު މަދުކުރުމަށް ކަމާއި ބެހޭ ފަރާތްތަކުން ލަފާދެއްވައެވެ.
އެއަށްވުރެ ބޮޑަށް ވައި ނުސާފުވެއްޖެ ނަމަ ސިއްހަތަށް ބޮޑެތި ގެއްލުންތައް ލިބޭނެ އެވެ. ބޭރަށް ނުކުތުން އެންމެ ނުރައްކާވާނެ ކަމަށް ދައްކަނީ އޭކިއުއައި 250 އަށްވުރެ މައްޗަށް ހިނގައްޖެ ނަމަ އެވެ.
މެޓު އޮފީހުގެ ފަރާތުން މައުލޫމާތު ދޭ ގޮތުގައި އިރުމަތިން ޖެހޭ ވައިގެ ސަބަބުން އުތުރާއި މެދުރާއްޖޭގެ ވައި ނުސާފުވެ، ހަމަ ލޮލަށް ފެންނަ ދުރުމިން ވަރަށް ބޮޑަށް ދަށްވެފައިވެއެވެ. ސާފު ދުވަހެއްގައި 10 ކިލޯ މީޓަރަށް ވުރެ ދުރު ފެނުނަސް، ފާއިތުވި 24 ގަޑިއިރު، ހާއްސަކޮށް މެދުރާއްޖޭގެ ސަރަހައްދަށް އެ މިންވަރު ފަސް ކިލޯ މީޓަރަށް ދަށްވެފައިވާ ކަމަށް ބުންޏެވެ.