-Advertisement-

-Advertisement-

ސްޕޯޓްސް ކޮމިޝަނަރު އަދިވެސް އޮލިމްޕިކް ކޮމިޓީގެ ނާއިބުރައީސްކަމުގައި، ޤާނޫނުން ތަންނުދޭ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް އަށް މަޤާމްގެ ފަތްކޮޅު އަރުއްވަނީ – ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖޭގެ ކުޅިވަރު މައިދާނުގައި ޙަރަކާތްތެރިވާ ފަރާތްތަކާއި ކްލަބް ޖަމްޢިއްޔާތަކުގެ ބެލެނިވެރި ފަރާތް ކަމުގައިވާ ސްޕޯޓްސް ކޮމިޝަނަރަކީ ދިވެހި ކުޅިވަރު މައިދާނުގެ އެންމެ މުހިއްމު އެއް ޝަހުސިއްޔަތެވެ.

ކުޅިވަރާއިބެހޭ ޤާނޫނުން ބާރުލިބިގެން އުފައްދާފައިވާ މި މަޤާމުގައި ހުންނަ މީހަކީ އެ ޤާނޫނަށް އެންމެ ފުރިހަމަ ގޮތުގައި ބޯލަނބާ، ކުޅިވަރުގެ މުޖުތަމަޢަށް ނަމޫނާ ދައްކަން ޖެހޭ ފަރާތެވެ. ނަމަވެސް ސްޕޯޓްސް ކޮމިޝަނަރުގެ މަޤާމުގައި މިހާރު ހުންނެވި، މުހައްމަދު ތޮލާލް ގެ މަޤާމުގެ ސައްޚަކަމާއިމެދު ކުޅިވަރ މުޖުތަމަޢުގައި މިހާރު ދަނީ ސުވާލު އުފައްދަމުންނެވެ.

ސްޕޯޓްސް ކޮމިޝަނަރ ކަމަށް އައްޔަން ކުރުމާއި ހަމައަށް އިރު މުޙައްމަދު ތޮލާލް ގެންދެވީ އެތުލެޓިކްސް އެސޯސިއޭޝަނުގެ ރައީސްގެ މަގާމާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ނާއިބުރައީސް ކަން ކުރައްވަމުންނެވެ. އަދި ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލްގެ މަޤާމްގައި ހުންނަވައި އެޕާޓީ ހިންގެވުމުގެ ޒިންމާވެސް އަދާކުރައްވަމުން ގެންދެވިއެވެ. ސްޕޯޓްސް ކޮމިޝަނަރުކަމަށް އައްޔަން ކުރުމުގެ ކުރިން ތޮލާލް ވަނީ ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލްގެ މަޤާމުންނާއި އެތުލެޓިކްސް އެސޯސިއޭޝަނުގެ ރައީސްގެ މަޤާމުން އިސްތިއުފާ ދެއްވަވާފައެވެ. ނަމަވެސް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ނާއިބުރައީސް ގެ މަޤާމުން އިސްތިއުފާ ނުދެއްވަވައެވެ.

ކުޅިވަރާއިބެހޭ ޤާނޫނުގެ 7 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވާ ގޮތުން ސްޕޯޓްސް ކޮމިޝަނަރ ކަމަށް އައްޔަން ކުރެވޭ މީހަކީ އިންތިޚާބުކުރެވޭ އެއްވެސް މަޤާމެއްގައިވާ ފަރާތަކަށް ވެގެން ނުވާނެއެވެ.

(ނ) ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއެއްގައިވާ ފަރާތެއް ކަމުގައި ނުވުމާއި، ސަރުކާރުގެ އެއްވެސް ސިޔާސީ މަޤާމެއްގައިހުރި ފަރާތެއް ކަމުގައި ނުވުމާއި، ސިޔާސީ ޕާޓީއެއްގެ ހިންގުމުގެ މަޤާމެއްގައި އުޅޭ މީހެއް ކަމުގައި ނުވުމާއި، ސިޔާސީ ޕާޓީއެއްގެ މެންބަރެއް ކަމުގައި ނުވުމާއި، އިންތިޚާބު ކުރެވޭ އެއްވެސް މަޤާމެއްގައިވާ ފަރާތެއް ކަމުގައި ނުވުން؛

މޯލްޑިވްސް އޮލިމްމޕކް ކޮމިޓީގެ ނާއިބްރައީސް ކަމަށް މުޙައްމަދު ތޮލާލް އިންތިޚާބުވީ 5 ޖޫން 2021 ގައެވެ. އަދި މަޤާމްގެ މަސްއޫލިއްޔަތުތަކާއި ހަވާލުވެލެއްވީ 11 ޖުލައި 2021 ގައެވެ. އޮލިމްޕިކް ކޮމިޓީގެ 4 އަހަރުގެ ދައުރު ހަމަވާނީ 2025 ގައެވެ. އޮލިމްޕިކް ކޮމިޓީގެ ވެބްސައިޓްގައި އޮލިމްޕިކް ކޮމިޓީގެ އެގްޒެކިއުޓިވް ކޮމިޓީގެ ނާއިބްރައީސް ކަމުގައި ފޮޓޯއާއި އެކު ޝާއިޢުކޮށްފައިވަނީ މުޙައްމަ ތަލާލްގެ ނަމެވެ.

2023 ވަނަ އަހަރުގެ ނޮވެމްބަރ 23 ގައި ވަޒީރެއްގެ ފެންވަރުގައި ސްޕޯޓްސް ކޮމިޝަނަރުގެ މަޤާމަށް އައްޔަން ކުރެވުނު މުހައްމަދު ތޮލާލް އޮލިމްޕިކް ކޮމިޓީގެ ނާއިބު ރައީސްގެ މަޤާމުގައި ދެމިހުރުމާމެދު އެޓަނީ ޖެނެރަލްގެ ލަފާ ހޯދަމުންދާކަމަށް ވަނީ ބުނެފައެވެ. ނަމަވެސް އެޓާނީ ޖެނެރަލް ލަފާދެއްވުމުގައި މިވަނީ 54 ދުވަސް ހޭދަވެގެން ގޮސްފައެވެ.

ކުޅިވަރާއި ބެހޭ ޤާނޫނުން އުފެދިފައިވާ އެންމެ އިސް މަޤާމްތަކުގެ ތެރެއިން 2 މަޤާމް އެކަކު ފުރަމުން ދިޔުމަކީ ކުޅިވަރު މުޖުތަމަޢުގެ މަސްލަހަތު ތަންދޭ ކަމެއްބާއެވެ؟ ސްޕޯޓްސް ކޮމިޝަނަރު ކުޅިވަރާއިބެހޭ ފަރާތްތަކަށް ނަމޫނާ ދައްކަވައި ކޮންމެވެސް އެއްމަޤާމަކުން އިސްތިއުފާ ނުދެއްވައި ހުންނަވަނީ ކީއްވެބާއެވެ؟ 2 މަޤާމްގައި ހުރެވޭ ގޮތަށް އެޓާނީ ޖެނެރަލް ލަފާދެއްވަވާފައި ވަނީ ބާވައެވެ؟

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-