-Advertisement-

-Advertisement-

މުއިއްޒުގެ ވެރިކަމަށް 60: ނިރުބަވެރި އިޒްރޭލުގެ ޕާސްޕޯޓު ބޭން ނުކުރި، ފަތުރުވެރިން އައުން ނުހުއްޓުވި

ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރެއްވި ޖަލްސާގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް

މިއަދަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމުގެ ހުވާކުރައްވައި ދިވެހި ޤައުމިުގެ ހުންގާނުގައި ހިއްޕެވިތާ 60 ދުވަސް ފުރޭ ދުވަހެވެ. މިވީ ދުވަސްތަކުގައި ރައީސް މުޢިއްޒު ވަނީ އެމަނިކުފާނަކީ ކެރޭ ޤާބިލުމީހެއްކަން ސާބިތުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.

“ކުޑަ ޤައުމެއް ވިޔަސް ބުލީ ނުކުރެވޭނެޔޭ” ބުނެ އޭޝިއާގެ އެންމެ ބޮޑުބާރަށް ގޮންޖެއްސެވީ ހިނިތުންވުމަކާއެކުއެވެ. ނަމަވެސް ދުނިޔޭގެ އެންމެންގެ ކުރިމަތީގައި ފަލަސްތީނުގެ ރައްޔިތުން ބުލީކޮށް، އަމިއްލަ ވަޒަނުން ނެރެ އަނިޔާދީ ޤަތުލުކުރަމުންދާ އިޒްރޭލުގެ ރައްޔިތުން ދިވެހިރާއްޖެ އައުން މަނާކޮށްލާކަށް ނުކެރުނެވެ.

އިޒްރޭލު ޕާސްޕޯޓް މަނާކޮށް، އެ ގައުމުގެ ރައްޔިތުން ރާއްޖެއަށް އެތެރެ ނުވެވޭނެ ގޮތް ހެދުމަށް ރާއްޖޭގެ ގިނަ ރައްޔިތުންތަކެއް ވަނީ ސަރުކާރަށް ގޮވާލާފައެވެ. ވެރިކަމުގެ ހުވާ ކުރުމުގެ ކުރިންނާއި ފަހުންވެސް ގޮވަނީ ހަމަ “ބޮއިކޮޓް އިޒްރޭލް” އަދި “ބޭން އިޒްރޭލް ޕާސްޕޯޓް” މިހެންނެވެ.

ސަރުކާރުން އިޒްރޭލް ޕާސްޕޯޓް މަނާކުރުމުގައި ޤާނޫނީ ގޮތުން ބެލުންތަކެއް ބަލަންޖެހޭ ކަމަށް ބުނުމުން، ރައްޔިތުންގެ މަޖިލީހުންވެސް ވަނީ މިކަމަށް ހައްލެއް ހޯދައިދީފައެވެ. މިގޮތުން ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (މ) އިން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ ޚާރިޖީ ސިޔާސަތު ކަނޑައެޅުމުގެ ބާރުގެ ދަށުން އިޒްރޭލުގެ ރައްޔިތުންނަށް ދިވެހިރާއްޖެއަށް ނުވަދެވޭނެފަދަ ސިޔާސަތެއް އެކަށައެޅުމަށް މަޖިލީހުގެ ޚާރިޖީ ގުޅުންތަކާބެހޭ ކޮމިޓީއިން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ލަފާދީ ސިޓީފުޅެއް ފޮނުވާފައެވެ.

ރައްޔިތުންގެ މަޖިލީހުން ފޮނުާފައިވާ ސިޓީއާއި ބެހޭގޮތުން ސަރުކާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ސުވާލުކުރުމުން ދެއްވީ ވަރަށް ފިނި ޖަވާބެކެވެ. ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލު ވިދާޅުވީ “މިއީ ރައްޔިތުންގެ މަޖިލީހާއި ކެބިނެޓާއި ގުޅިގެން ކުރައްވާފައި އޮތް ސުވާލަކަށް ވާތީ މިވަގުތު ތިސުވާލަށް އަރުވާނެ ވަކި ޖަވާބެއް ނެތް.”

22،000 އަށް ވުރެ ފަލަސްތީނުގެ ރައްޔިތުން މިހާތަނަށް ޝަހީދުވެފައިވާއިރު، ދިވެހި ސަރުކާރަށް ކޮށްލެވުނު އެންމެ ބޮޑު ވަރަކީ އިޒްރޭލުގެ ޢަމަލު ކުއްވެރިކުރުމާއި އެ ޢަމަލުތައް ތަޙުޤީޤު ކުރުމަށް ގޮވާލުމެވެ. އިޒްރޭލުގެ ޕާސްޕޯޓް މަނާކޮށްގެން ދިވެހިރާއްޖެއަށް ގެއްލުންތަކެއް ވަނީ ނަމަ، އެކަންވެސް ރައްޔިތުންނަށް ހާމަކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެކެވެ.

ދިވެހިރާއްޖެއަކީ ފަތުރުވެރިކަމުގެ ސިނާޢަތަށް ބަރޯސާވާ ޤައުމެއްކަމުގައި ވިޔަސް، އިޒްރޭލުން ފަތުރުވެރިން އައުން މަނާކުރުމަކުން ފަތުރުވެރިކަމުގެ ސިނާޢަތަށް އަސަރެއް ކުރާނެކަމަށް ނުބެލެވެއެވެ. ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސްހިސާބުތަކަށް ބަލާއިރު 2022 ގައި ދިވެހިރާއްޖެ ޒިޔާރަތްކޮށްފައިވާ އިޒްރޭލު ފަތުރުވެރިންގެ އަދަދަކީ 15،748 އެވެ. 2019 އިން ފެށިގެން އެވަރެޖްކޮށް އަހަރަކަށް 10،000 އިޒްރޭލު ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ. މިއީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ %0.3 އަށްވުރެވެސް ކުޑަ އަދަދެކެވެ.

ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ އިޒްރޭލު ފަތުރުވެރިއަކަށް “އޮން އަރައިވަލް ވިސާ” ދެވެއެވެ. ނަމަވެސް އިޒްރޭލަށް ދިވެއްސަކު ދަތުރުކުރާނަމަ، ކުރީބައިގައި ވިސާގެ ކަންކަން ހަމަޖައްސަން ޖެހެއެވެ.

ދިވެހިރައްޔިތުންގެ ގިނަބަޔަކު އިޒްރޭލް ޕާސްޕޯޓް މަނާކުރަން ގޮވާލަމުންދާއިރު ސަރުކާރުން މިކަމަށް އެހާބޮޑު އަހަމިއްޔަތުކަމެއް ނުދެނީ ކީއްވެގެން ބާވައެވެ؟ ހަފްތާ 14 ގެ ތެރޭގައި ހިމެނިފައިވާ ވަޢުދެއްކަމުގައި ނުވާތީ މިކަމަށް އެހާބޮޑު ސަމާލުކަމެއް ނުދެވެނީ ތޯއްޗެކެވެ.

 

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-