މާލޭގެ މަގުތަކުގައި ފެން ބޮޑުވާ މައްސަލަ ހައްލުކުރުމަށްޓަކައި މިހާރު އޮތް ސްޓޯރމް ވޯޓަރ މެނޭޖްމަންޓް ސިސްޓަމް 2 ގުނައަށް އިތުރުކުރުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުލް މަތީން މުޙައްމަދު ވިދާޅުވެއްޖެއެވެ.
މަތީން ވިދާޅުވީ ފެންބޮޑުވެ ރައްޔިތުންގެ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއްވާކަން ފާހަގަކުރެވިފައިވާތީ ޕަންޕް ސްޓޭޝަންގެ މިހާރު ހުރި ކެޕޭސިޓީ ގާތްގަނޑަކަށް 4 ގުނައަށް އިތުރުކުރަން ސަރުކާރުގެ އިދާރާތަކާއި ގުޅިގެން މަޝްވަރާކުރެވިފައިވާ ކަމަށެވެ.
ނިމިދިޔަ ހަފްތާގެ ހުކުރު ދުވަހު މާލެ އަށް ކޮށްފައިވާ ވިއްސާރައިގައި ފެން ބޮޑުވެ، ގެތަކަށް އަދި ގިނަ ބައެއްގެ ސައިކަލު އަދި ކާރު ތަކަށް ފެން އެޅުމުގެ ސަބަބުން ވަރަށް ބޮޑަށް ގެއްލުންވެފައިވެއެވެ. ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓު އޮތޯރިޓިން ބުނީ ލިބުނު ގެއްލުމުގެ އަގު މިލިއަނަކަށް ވުރެ ބޮޑު ކަމަށެވެ. އެހީގެ ގޮތުގައި އެ ގެތަކަށް 711،541ރ. ދޭން ނިންމާފައިވާ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.