ދިވެހިރާއްޖެއިން މީހުން ޢުމްރާއަށް ގެންދާ ކުންފުނިތައް، އެކަމަށް ބޭނުންވާ ހުއްދަތައް ނެތި އެކަން ނުކުރުމަށާއި ޢުމްރާއަށްދާ ފަރާތްތަކުން މިކަންކަމަށް ސަމާލުކަން ދިނުމަށް އިސްލާމިކް މިނިސްޓްރީއިން އިލްތިމާސްކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ހުއްދަނެތި ޢުމްރާއަށް ގެންދިއުމަށް މީހުން އަތުން ފައިސާ ނަގައިގެން ނުވާނެ ކަމަށެވެ. ދިވެހިރާއްޖެއިން މީހުން ޢުމްރާއަށް ގެންދިއުމުގެ އުސޫލުގައި ބުނާގޮތުން ޢުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ހޯދަން ޖެހެއެވެ.
އަދި މީގެ އިތުރުން ޢުމްރާއަށް ވަޑައިގަންނަވާ އެއްވެސް ފަރާތަކުން ޢުމްރާ ކުންފުންޏަކަށް ފައިސާ ދައްކަންވާނީ، އެ ކުންފުންޏަކީ ޢުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ ލިބިފައިވާ ކުންފުންޏެއްތޯ ބެލުމަށްފަހުއެެ. އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓްގައި ޢުމްރާއަށް ދިއުމުގެ ހުއްދަ ދީފައިވާ ފަރާތްތަކުގެ މަޢުލޫމާތު ލިބެންހުންނާނެކަމަށް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.
އަލް މަޝްރަޢު ޙައްޖު ޢުމްރާ ކުންފުންޏާއި ވަޑި ހައްޖު އެންޑް ޢުމްރާ ކުންފުނިން ހުއްދަނެތި މީހުން އަތުން ޢުމްރާއަށް ގެންދިޔުމަށް ފައިސާ ނަގަމުނަދާކަން މިނިސްޓްރީއަށް ފާހަގަ ވެފައިވާ ކަމަށާއި އެއްވެސް ފަރާތަކުން މިފަދަ ކުންފުނިތަކަށް ފައިސާ ނުދެއްކުމަށްވެސް މިނިސްޓްރީގެ ނޫސްބަޔާނުގައި ވަނީ އިލްތިމާސް ކޮށްފައެވެ.