ހއ. ދިއްދޫގައި ކޮންޓްރެކްޓަށް ނަގާފައި ތިބި ފެނަކަ މުވައްޒަފުންތަކެއް ވަޒީފާ އިން ވަކިކުރި މައްސަލައާއި ގުޅިގެން އެމައްސަލަ ބަލައި ދިނުމަށް އެދި ރައްޔިތުންގެ މަޖިލިހަށް ހުށަހަޅައިފިއެވެ.
އެ މައްސަލަ މަޖިލިހަށް ހުށައަޅުއްވާފައިވަނީ މަޖިލީހުގެ ދިއްދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުﷲ ވަހީދު (ވައްޑެ)އެވެ.
ފެނަކައިގެ ފަރާތުން ދިއްދޫގައި އިމާރާތް ކުރާ އާ އިންޖީނުގޭގެ މަސައްކަތަށް ކޮންޓްރެކްޓަށް ނަގާފައި ތިބި މުވައްޒަފުންގެ ކޮންޓްރެކްޓް އާ ނުކުރަން ނިންމުމުން އޭގެ ތެރެއިން ބައެއް މުވައްޒަފުން އިއްޔެ ވަނީ ދިއްދޫގައި ހުންނަ ފެނަކަ އޮފީސް ކައިރީގައި މުޒާހަރާކޮށް، އެ ކުންފުންޏާ ދެކޮޅަށް އަޑު އުފުލައިފައެވެ.
މި މައްސަލައާއި ގުޅިގެން މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމަށް ފޮނުއްވި ސިޓީގައި އަބްދުﷲ ވަހީދު ވިދާޅުވެފައިވަނީ އެމްޑީޕީގެ ސަރުކާރުން އިމާރާތް ކުރަން ފަށާފައިވާ ދިއްދޫ އާ އިންޖީނުގެއާއި އައިސް ޕްލާންޓްގެ މަސައްކަތަށް ފެނަކަ އިން ވަޒީފާ ދީފައިވާ 57 ކޮންޓްރެކްޓް މުވައްޒަފުން އެއްވެސް ނޯޓިސްއެއް ދިނުމަކާ ނުލައި ކުއްލި ގޮތަކަށް އެ މުވައްޒަފުންގެ ވަޒީފާތަކުން ވަކި ކުރި ކަން މުވައްޒަފުންގެ ފަރާތުން އޭނާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
އެހެންކަމުން، މުވައްޒަފުންގެ ފަރާތުން ނުތަނަވަސްކަމެއް ލިބި އެކަމުގެ ޝަކުވާ އާއި ކަންބޮޑުވުން އިންތިހާ އަށް އެބައޮތް ކަމަށާއި ދިއްދޫގައި ކުރަމުން އަންނަ މަސައްކަތްތައް ނިމިފައި ނުވާ އިރު، އެހެން އެކަން އޮއްވާ އެ މުވައްޒަފުން ވަކިކޮށްލުމުން އެ މަސައްކަތް ހުއްޓި، މުވައްޒަފުންގެ އާއިލާތައް ނިކަމެތިކަންލިބޭނެ ކަމަށް ސިޓީގައިވެއެވެ.