މާލެ ސިޓީ ކައުންސިލްގެ މަސައްކަތްތަކަށް ސަރުކާރުން ނުފޫޒު ފޯރުވުން ހުއްޓާލުމަށް އިންތިހާބީ މޭޔަރު އާދަމް އާޒިމް ގޮވާލައްވައިފި އެވެ.
އާޒިމް މިކަމަށް ގޮވާލައްވާފައި މިވަނީ މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދަން ކުރިން ނިންމާފައިވާ 100 މިލިއަން ރުފިޔާ އިން މަތީގެ ބައެއް މަޝްރޫއުތައް ކޮންސްޓްރަކްޝަން މިނިސްޓްރީއާ ހަވާލުކުރުމަށް ސަރުކާރުން ހުށަހެޅުމާ ގުޅިގެން ކައުންސިލަރުން އެގޮތަށް އެއްބަސްވެފައި ވަނިކޮށެވެ.
މާލެ ސިޓި ކައުންސިލްގެ މިއަދުގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ކޯޕަރޭޓް ޑިވެލޮޕްމަންޓް މިނިސްޓަރު މުހައްމަދު ޝާހިދު ހުށައަޅުއްވާފައިވަނީ ކައުންސިލުން ބޭނުންވާ ގޮތަށް މާލޭގެ މައި ތިން މާރުކޭޓް އެއް އިމާރާތަކަށް ގެނައުމަށް އެޅުމަށް ހަމަޖެހިފައިވާ އިމާރާތުގެ މަޝްރޫއު އާއި ޕާކިން ބިލްޑިންތަކުގެ މަޝްރޫއު ސަރުކާރާ ހަވާލުކުރުމަށެވެ.
މިހުށަހެޅުން ފާސްވެފައިވަނީ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 11 ކައުންސިލަރުންގެ ތެރެއިން 10 ކައުންސިލަރުންގެ ވޯޓުންނެވެ. އެއް ކައުންސިލަރު ވަކި ގޮތަކަށް ވޯޓެއް ނުދެއްވަ އެވެ.
މާލެ ސިޓީ ކައުންސިލްގެ ނިންމުމާ ގުޅިގެން އާޒިމް ވިދާޅުވީ މާލެ ސިޓީގެ ކަންކަން ކުރިއަށް ގެންދާންވީ ގޮތް ރައްޔިތުން ސާފުކޮށް ބުނެފައިވާ ކަމަށެވެ.
ރައްޔިތުން ވަކި ގޮތަކަށް ނިންމާފައި ވަނިކޮށް ގާނޫނުއަސާސީގެ އަށްވަނަ ބާބާއި ލާމަރުކަޒީ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތާއި ހިލާފަށް، ރައީސްއޮފީހުގެ ވަޒީރު ބޭފުޅުން ސިޓީ ކައުންސިލް ތެރެެއަށް ވަންނަވައިގެން ކައުންސިލުގެ މަސައްކަތްތައް އަތުލެއްވުމަށް ކުރައްވާ މަސައްކަތްތައް ހުއްޓާލެއްވުމަށް ސަރުކާރަށް ގޮވާލައްވާ ކަމަށް އާޒިމް ވިދާޅުވިއެވެ.