ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާންޔަމް ޖަޔަޝަންކަރާ މިއަދު ބައްދަލު ކުރައްވައިފިއެވެ.
ޔުގެންޑާގައި ކުރިއަށްދާ ނަން އެލައިންޑް މޫވްމަންޓް ފޯރަމުގެ ހަވާސާގައި ދެޤައުމުގެ ޚާރިޖީ ވަޒީރުން ބައްދަލު ކުރެއްވީ ދެ ޤައުމުގެ ދެމެދުގައި ގުޅުން ގޯސްވެފައި ވަނިކޮށެވެ.
ރާއްޖެ އާއި އިންޑިއާގެ ގުޅުމާ ބެހޭ ގޮތުން އެ ބައްދަލުވުމުގައި ސާދާކޮށް ވާހަކަ ދެކެވުނު ކަމަށް އިންޑިއާގެ ޚާރިޖީ ވަޒީރު، ބައްދަލުވުމުގެ ފަހުގައި ވިދާޅުވިއެވެ.
ރާއްޖޭގެ ޚާރިޖީ ވަޒީރު ވިދާޅުވީ ބައްދަލުވުމުގައި އިންޑިއާ އާއި ރާއްޖޭގެ ދެމެދުގައި ކުރިއަށްދާ މަޝްވަރާތަކާއި ބެހޭގޮތުން ވާހަކަ ދެކެވުނު ކަމަށެވެ.
އޭގެ އިތުރުން އިންޑިއާއިން ރާއްޖޭގައި ހިންގަމުން އަންނަ މަޝްރޫއުތައް އަވަހަށް ނިންމުމާ ގުޅޭ ގޮތުންނާއި ނޭމް ސަމިޓާއި ސާރކް ސަމިޓާ ގުޅޭ މަޝްވަރާތައް ކުރެއްވި ކަމަށް ޒަމީރު ވިދާޅުވި އެވެ. އަދި ދެ ގައުމު ގުޅިގެން ކުރާ މަސައްކަތްތައް އިތުރަށް ފުޅާކުރަން މަޝްވަރާ ކުރި ކަމަށް ޒަމީރު ވިދާޅުވި އެވެ.