-Advertisement-

-Advertisement-

މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައިގައި ހަރުދަނާ ފިޔަވަޅުތަކެއް ތަރައްޤީވަމުން އަންނަ ޤައުމުތަކުން އެޅުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ގޮވާލައްވައިފި

މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައިގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ބާރުއަޅައި ތަރައްޤީވަމުން އަންނަ ޤައުމުތަކުން މަސައްކަތް ކުރަންޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ ޔުގަންޑާގެ ކަމްޕާލާގައި ކުރިއަށްދާ ނޮން-އެލައިންޑް މޫވްމަންޓް (ނާމް)ގެ 19 ވަނަ ސަމިޓުގައި ދިވެހިރާއްޖޭގެ ފަރާތުން ތަޤުރީރު ކުރައްވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަކީ ވަކި ބައްރަކަށް ކުރިމަތިވެފައިވާ މައްސަލައެއް ނޫންކަމާއި، ލިބިފައި ހުންނަ ވަޞީލަތްތައް މަދުކަމާއެކު މީގެ ގެއްލުންތަކާ އެންމެ ބޮޑަށް ކުރިމަތިލާންޖެހެނީ ތަރައްޤީވަމުން އަންނަ ޤައުމުތަކަށްކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އަދުގެ ދުނިޔޭގައި ކުރިމަތިވަމުން އަންނަ އައު މައްސަލަތަކާ ކުރިމަތިލުމުގައި ނާމްއިން ގުޅުންތައް އިތުރަށް ވަރުގަދަކޮށް މަސައްކަތްކުރުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ. އަދި މުޅި ބައިނަލްއަޤްވާމީ މުޖުތަމަޢާއި ތަފާތު ޤައުމުތައް އެކުވެގެން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކުރުމަކީ ދިވެހިރާއްޖެއިން އަބަދުވެސް ގަބޫލުކުރާ ގޮތްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ޣައްޒާގައި އެތައްހާސް ބަޔަކު ޝަހީދުކޮށްލައި ހިންގަމުންދާ ކަންކަމާހުރެ ޣައްޒާގެ ރައްޔިތުންނަށް އިންސާނީ މުސީބާތަކާ ކުރިމަތިލާން ޖެހިފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ފަލަސްޠީނުގެ ކުށެއްނެތް އާންމު ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންގެންދާ ޢުދުވާންތައް ރާއްޖެއިން ކުށްވެރިކުރާކުރުން އެމަނިކުފާނުގެ ވާހަކަފުޅުގައި ތަކުރާރު ކުރެއްވިއެވެ.

އަދި މި ޢުދުވާންތަކަކީ ޤަތުލުއާންމުތަކާ ގުޅޭ މުއާހަދާއާ ޚިލާފު އުދުވާންތަކެއްކަން ފާހަގަކުރައްވައި، ދެކުނު އެފްރިކާއިން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށް އިސްރާއީލުގެ މިއަމަލުތަކަކީ ޤަތުލުއާންމުތަކާ ގުޅޭ މުއާހަދާއާ ޚިލާފު އަމަލުތަކެއްކަން ސާބިތުކުރުމަށް މައްސަލަ ހުށަހަޅާފައިވާތީ އެކަމަށް އެމަނިކުފާނު ތަޢުރީފުކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޔުގަންޑާއަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅަކީ ޔުގަންޑާގެ ކަމްޕާލާގައި މިހަފްތާގައި ކުރިއަށްގެންދާ ނޮން-އެލައިންޑް މޫވްމަންޓް (ނާމް)ގެ 19 ވަނަ ސަމިޓާއި “ގްރޫޕް އޮފް 77 އެންޑް ޗައިނާ” (ޖީ77) ގެ ދަށުން ބާއްވާ ތިންވަނަ ސައުތް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-