ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ކެނޑިޑޭޓް ހަސަން ޒަމީލް، އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ ޖޫރިމަނާ ދެއްކުން ފަސްކޮށްދިނުމަށް އަމުރެއް ނެރެދިނުމަށް ސިވިލްކޯޓުން އިންކާރުކޮށްފިއެވެ.
ހަސަން ޒަމީލުގެ މާލީ ބަޔާން ފުރިހަމަނުވުމުން އިލެކްޝަންސް ކޮމިޝަނުން ވަނީ އޭނާއާއި އޭނާގެ އިންތިޚާބީ އެޖެންޓް ކަމުގައިވާ އޭނާގެ ދަރިފުޅު -/26،000ރ އިން ޖުރުމާނާކޮށްފައެވެ.
ޒަމީލް ސިވިލް ކޯޓުގައި ޖޫރިމަނާ ދެއްކުން ފަސްކޮށްދިނުމަށް އެދުނީ އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ މުއްދަތުގެ ތެރޭގައި އޭނާއަށް އެ ޖުރުމާނާ ނުދެއްކިއްޖެނަމަ އޭނާއާއިމެދު ނުރަނގަޅު ޚަބަރުތައް ފެތުރި އޭނާއަށް އިތުރު ގެއްލުމާ ކުރިމަތިވެވަޑައިގަތުމުގެ ފުރުސަތު އޮތް ކަމަށް ބުނެއެވެ.
ނަމަވެސް ސިވިލްކޯޓުން ބުނެފައިވަނީ އެފަދަ އަމުރެއް ނެރެދެވެން ނެތްކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނުން އެ ޖުރުމަނާކުރީ އެ ކޮމިޝަނަށް ލިބޭ ޤާނޫނީ ބާރުގެ ދަށުން ކަމަށްވާތީ ޖޫރިމަނާއެއް މަޑުޖައްސަން އަމުރުކުރަންޖެހޭ ޤާނޫނީ ހަމައެއް ނެތްކަމަށް ކޯޓުގެ ނިންމުމުގައި ބުނެފައިވެއެވެ.