އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތް ފަސޭހަ ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ބުނުމާ ގުޅިގެން ނާއުންމީދުވި ކަމަށް އެކަމާ ދެކޮޅަށް އެންމެ ފުރަތަމަ އަދި އެންމެ އިސްކޮށް ހުންނަވައިގެން ހަރަކާތްތައް ފެއްޓެވި ކުރީގެ ރައީސް ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ ލީޑަރު އަބްދުالله ޔާމީން ވިދާޅުވެއްޖެ އެވެ.
ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީން މިވަގުތު ހުންނެވީ ގޭބަންދުގައި ހުންނެވި ނަމަވެސް ޕީއެންއެފްގެ ޖަލްސާތަކުގައި މަދުމަދުން ބައިވެރިވެވަޑައިގަންނަވަ އެވެ.
ޕީއެންއެފް ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމީން ވަނީ ޕޯޑިއަމަށް އެރުއްވި ބޭފުޅުންނަށް ސުވާލުތަކެއް އަމާޒުކުރައްވާފަ އެވެ. އޭގެ ތެރެއިން ފުރުސަތެއްގައި ޔާމީން އެދިވަޑައިގަތީ އެމަނިކުފާނު ހުށަހެޅުއްވި ހެކިތަކެއްގެ މައްޗަށް ބިނާކޮށް އޭރު ވާހަކަ ދައްކަވަން ހުންނެވި ޑރ. މުހައްމަދު ޖަމީލު އަހުމަދުގެ އެސެސްމަންޓެއް ދެއްވުމަށެވެ.
ޔާމީންގެ ވާހަކަ ކުރިއަށް ގެންދަވަމުން މި ސަރުކާރު ސިފަކުރެއްވީ “އަޅުގަނޑުމެންގެ ސަރުކާރު” ގެ ގޮތުގަ އެވެ.
މާޗު 15, ގެ ނިޔަލަށް އިންޑިއާ ސިފައިން ބާލަން ރާއްޖޭން “ނޯޓިސް” ދީފައިވީ ނަމަވެސް އިންޑިއާގެ ސަރުކާރާ ހަވާލާދީ ނޫސްތަކުން އެ ގައުމުން އެ ތާރީހާ ގުޅޭ ވާހަކައެއް ހިއްސާކޮށްފައި ނުވާ ކަމަށް ޔާމީން ވިދަޅުވި އެވެ.