ހިތަދު އާއި ހުޅުމީދޫ ގުޅުވާލާ ބްރިޖްގެ މަސައްކަތްކުރުމުގެ ޝައުގުވެރިކަން މިސްރުގެ “ދަ އަރަބް ކޮންޓްރެކްޓާސް” ކުންފުނިން ފާޅުކޮށްފިއެވެ.
ރައީސްއޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުالله ނާޒިމް ވިދާޅުވީ ބްރިޖް އެޅުމަށް ބޭނުންވާ ސާވޭތައް ހިލޭ ހަދައިދިނުމާއިއެކު ބްރިޖްގެ މަސައްކަތް ކޮށްދިނުމަށް މިސްރުގެ ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފައި ކަމަށެވެ.
ކުންފުނީގެ ޕްރޮޕޯސަލްއާއެއްގޮތަށް އެކަމުގެ މަސައްކަތް އެކުންފުންޏާއި މަޝްވަރާކޮށްގެން ކުރިއަށް ގެންދަން އިކޮނޮމިކް ކައުންސިލުން ވަނީ ނިންމާފައިކަމުގައިވެސް ނާޒިމް ވިދާޅުވިއެވެ.
މި އަހަރުގެ ބަޖެޓުގައި ހިތަދޫ-ހުޅުމީދޫ ބްރިޖުގެ ސާވޭ ހެދުމަށް 30 މިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ.
އައްޑޫ ބްރިޖް އެޅުމަށް ޗައިނާގެ ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކުރި ކަމަށް ވެސް ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުالله މުއްތަލިބު ވަނީ ވިދާޅުވެފައެވެ.
ގާތްގަނޑަށް 13-15 ކިލޯމީޓަރުގެ ދިގު ބްރިޖެއް ހިތަދޫއާއި ހުޅުމީދޫގެ ދެމެދުގައި އަޅަންޖެހޭއިރު، މިބްރިޖް ވެގެންދާނީ ރާއްޖޭގައި އަޅާ އެންމެ ދިގު ބްރިޖަށެވެ.
އައްޑޫ ބްރިޖް އަޅަން ޝައުގުވެރިކަން ފާޅުކުރި ދަ އަރަބް ކޮންޓްރެކްޓާސް އަކީ އެފްރިކާ ބައްރުގައި މިބާވަތުގެ މަސައްކަތްތަކަށް އެންމެ ޤާބިލް އެއް ކުންފުންޏެވެ. ދުނިޔޭގެ ރިކޯޑްފޮތުން ޖާގަ ހޯދާފައިވާ “ތަހްޔާ އަލް މިސްރް” ބްރިޖަކީވެސް ދަ އަރަބް ކޮންޓްރެކްޓާސް އިން އެޅި ބްރިޖެކެވެ.