ޖާގަ ތަނަވަސް ބޮޑު ފްލެޓްތަކެއް ލިބޭނެހެން، ސިނަމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އާ އިމާރާތެއް އަޅާ ދެއްވަން ނިންމަވާފައިވާކަމަށް ރައީސް، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ
ރައީސް މިހެންވިދާޅުވީ މާލޭ މޭޔަރު، އަދި ކައުންސިލަރުން ހުވާ ކުރެއްވުމަށްޓަކައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ އެމަނިކުފާނު މާލޭގެ މޭޔަރަކަށް ހުންނެވިއިރު، ކުރަން ބޭނުންވި ކަންކަމުގެ ތެރެއިން ބައެއް ކަންކަން އޭރުގެ ސަރުކާރުން ކުރިއަށް ގެންދަން ފުރުސަތު ދެއްވާފައި ނުވާ ކަމަށެވެ..
ރައީސް ވިދާޅުވީ، އޭރު އެމަސައްކަތް ކުރިއަށް ގެންދަން ފުރުސަތު ނުދިން ނަމަވެސް އެކަން މިހާރު ކުރިއަށް ގެންދެވޭނެ މަގު ހަމަޖެހިފައިވާ ކަމަށާއި އޭޕްރިލް މަހުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ސިނަމާލެ ސަރަޙައްދުގައި، މިހާރު އެތާ އެހެރަ 5 އިމާރާތް، ސިނަމާލެ 1، 2، 3، މާލޭހިޔާ 1، 2 މި ފަސް އިމާރާތުގެ ހުރިހާ ފްލެޓްތަކަށް ބޭނުންވާވަރުގެ އާ އިމާރާތެއް އެޅުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ..
މީގެ އިތުރުން ރައީސް ވިދާޅުވީ، އެ އިމާރާތް އަޅައި ނިމުމުން މި ފަސް އިމާރާތުގެ ރައްޔިތުންނަށް އެއަށްވުރެ ފުރިހަމަ، އެއަށްވުރެ ޖާގަ ބޮޑު ފްލެޓްތަކެއް އެ ތަނުން ލިބިގެންދާނެ ކަމަށާއި އޭގެ ފަހުން ބާވެފައި ހުރި 5 އިމާރާތް ތަޅައިލެވި، އެތަންތާނގައި އާ އިމާރާތް އެޅިގެންދާނެ ކަމަށެވެ.