މި އަހަރުގެ މާޗް 17 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ހުޅުވާލައިފިއެވެ.
93 ދާއިރާއަކަށް ވާދަކުރުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، މިއަދުން ފެށިގެން އަންނަ މަހުގެ 14 ވަނަ ދުވަހުގެ މެންދުރު 14:00 އާ ހަމައަށް މިފުރުސަތު އެބައޮތެވެ. މަޖިލީހުގެ އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފޯމާއި ތަކެތި ހުށަހަޅަން ޖެހޭނީ އިންތިހާބާބެހޭ މަރުކަޒު (ދަރުބާރުގެ) އަށެވެ.
މެމްބަރުކަމަށް ކުރިމަތިލާ މީހެއްގެ ހުންނަން ޖެހޭ ޝަރުތުތައް:
- ދިވެހި ރައްޔިތަކަށްވުން.
- ބޭރު ގައުމެއްގެ ރައްޔިތަކަށް ނުވުން.
- މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާއަތުގެ މީހަކު ކަމުގައިވުން.
- އުމުރުން 18 (އަށާރަ) އަހަރުވެފައިވާ މީހަކު ކަމުގައިވުން.
- ބުއްދި ހަމައަށް ހުރި މީހަކު ކަމުގައިވުން
ބޭރު ގައުމެއްގެ ރައްޔިތަކު ދިވެހި ރައްޔިތަކަށް ވެފައިވާ ނަމަ، އެމީހަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ކުރިމަތިލެވޭނީ، އެމީހަކު ދިވެހި ރައްޔިތަކަށްވީތާ 5 (ފަހެއް) އަހަރު ފުރުމަށްފަހުއެވެ. އަދި އެ މީހަކީ ދިވެހިރާއްޖޭގައި ދިރިއުޅެމުންދާ މީހަކުކަމުގައި ވާންވާނެއެވެ.
މަޖިލިހުގެ އިންތިހާބުގައި ބައިވެރިނުވެވޭނެ ހާލަތްތައް:
- އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި ނުދެއްކުން
- ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 (ބާރަ) މަސްދުވަހަށްވުރެ ދިގުމުއްދަތެއްގެ ހުކުމެއް ތަންފީޒުކުރާ މީހަކު ކަމުގައިވުން.
- ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 (ބާރަ) މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއްކުރެވިފައިވާ މީހަކު ނަމަ، އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ، ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފްކުރެވުނުތާ 3 (ތިނެއް) އަހަރު ނުވާމީހަކު ކަމުގައިވުން.
- ފަނޑިޔާރަކު ކަމުގައިވުން
މަޖިލިހަށް ކުރިމަތިލާ މީހުން އިދާރީ ފީއެއްގެ ގޮތުގައި 5،000ރ. ގެ ފީއެއް ދައްކަން ޖެހެއެވެ.
ފައިސާ ބަލައި ގަތުމަށް ހަމަޖެހިފައިވާ ގޮތާއި މެދު “އެކްސް” ގައި ކުރެއްވި” ޕޯސްޓެއްގައި އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް ހުސެއިން ހަބީބް ވިދާޅުވީ މަޖިލިހަށް ކުރިމަތިލާ މީހުން ދައްކާ ފައިސާ ބަލައިގަންނާނީ ހަމައެކަނި ޕީއޯއެސް މެޝިން ބޭނުންކޮށްގެން ކޭޝް ކާޑުން ކަމަށެވެ. ނަގުދު ފައިސާ ބަލައިނުގަންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ