އެމްޑީޕީގެ އަޣުލަބިއްޔަތު ބޭނުންކޮށްގެން ރައީސުލްޖުމްހޫރިއްޔާ އަޒުލުކުރެވޭ ގޮތަށް މަޖިލީހުގެ ޤަވާއިދަށް ގެނެސްފައިވާ އިސްލާހުގެ މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅައިފިއެވެ.
ދުސްތޫރީ މައްސަލައެއްގެ ގޮތުގައި މި މައްސަލަ އެޓާނީޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓަށް ވަނީ މިދިޔަ އާދީއްތަ ދުވަހު ވައްދާފައެވެ.
ގާނޫނުއަސާސީ ބުނާގޮތުން ރައީސް މަގާމުން ދުރުކުރެވޭނީ މަޖިލީހުގެ ޖުމްލަ މެމްބަރުން ތިންބައިކުޅަ ދެ ބައި މެމްބަރުންގެ ވޯޓުންނެވެ.
އެއީ ރައްޔިތުންގެ މަޖިލީހުގެ މި ދައުރަށް އިންތިހާބުކުރި 87 މެންބަރުންގެ ތެރެއިން 58 މެންބަރުންގެ ވޯޓެވެ.
މަޖިލީހުގެ ގަވާއިދަށް މިދިޔަ އަހަރު އިސްލާހު ގެނައީ ޖުމްލަ މެމްބަރުންގެ އަދަދު ގުނާއިރު ހުސްވެފައި ހުރި ގޮނޑިތައް ނުގުނާ ގޮތަށެވެ.
އިސްލާހާއެކު މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދުގެ ގޮތުގައި ބަލާ އަދަދު 87 އިން 80 އަށް ތިރިވާނެއެވެ. އަދި އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ 56 މެންބަރުންގެ ވޯޓުން އެކަނި ރައީސް އަޒުލުކުރެވޭނެއެވެ.
އިސްލާހު ފާސްކޮށްފައިވަނިކޮށް އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން އެ ޕާޓީ ދޫކުރައްވައި ކޮންގުރެސް ޕާޓީއަށް ބަދަލުވެވަޑައިގަތުމުން އަޒުލުކުރުމުގެ ވޯޓު އެމްޑީޕީއަށް ދެން ކާމިޔާބުކުރެވޭނީ ދަ ޑިމޮކްރެޓްސްގެ 13 މެންބަރުންގެ ތާއީދާއެކުއެވެ. މިހާރު މިދެޕާޓީންވަނީ ސަރުކާރާ ދެކޮޅަށް މަޖިލިސް ތެރެއިން މަސައްކަތްކުރުމަށް އެއްބަސްވެފައެވެ.
ސުޕްރީމް ކޯޓަށް ހުށަހެޅި އެ މައްސަލަ ބަލައިގަތުމާ މެދު އެ ކޯޓުން އަދި ވަކި ގޮތެއް ނުނިންމަ އެވެ.