ފުވައްމުލަކު އިންޖީނުގޭގެ ޓްރާންސްފޯމަރަކަށް ދިމާވި މައްސަލައަކާއި ގުޅިގެން ދެ އަވަށުން ކަރަންޓް ކެނޑުމުން އައްޑޫން ޓްރާންސްފޯމަރެއް ގެންގޮސް ކަރަންޓުދީފި އެވެ.
ފުވައްމުލަކު ސިޓީއިން ޝެޑިއުލްކޮށްގެން ކަރަންޓު ކަނޑަމުން ދާތާ ދެ ހަފްތާއަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު އެކަން ހައްލު ވެފައި ނުވަނީ، ފެނަކައިގެ އިހުމާލުން ކަމަށް ބުނެ އެ ކުންފުނީގެ މައްސަލަ، ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީން ބަލައި ދިނުމަށް މަޖިލީހަށް ހުށަހަޅައިފި އެވެ.
މައްސަލަ މަޖިލީހަށް ހުށަހަޅުމުން ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ދީދީ ވިދާޅުވީ އެކި ހިސާބުތަކުން ކަރަންޓު ކެނޑެން ފެށުމުގެ ކުރިން ވެސް ޖެނެރޭޓަރު ސެޓަށް މައްސަލަ ދިމާވެފައިވާ ކަން އެނގި ތިބެ ފެނަކައިގެ ބެލުމުގެ ދަށުގައި ޖެނެރޭޓަރު ސެޓު ހުރެ, އެ މައްސަލަ ހައްލު ކުރުމަށް ފެނަކައިން މަސައްކަތް ކޮށްފައި ނުވާއިރު އެކަމުގެ ސަބަބުން ފުވައްމުލައް ސިޓީގެ ރައްޔިތުން ބޮޑު ތަކުލީފެއް އުފުލަން ޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކަރަންޓު ކެނޑިފައިވާ އަވަށްތަކަށް ރޭ ދަންވަރު ކަރަންޓު ދޫކޮށްފައިވެއެވެ.
އައްޑޫން ދިން އެހީތެރިކަމާ އެކުގައި މިހާ އަވަހަށް އެ މައްސަލަ ހައްލުކުރެވުނަސް ފުވައްމުލަކު ކަރަންޓް މައްސަލައަށް އަދި ދާއިމީ ހައްލެއް ނުލިބެ އެވެ.
ފެނަކައިން ބުނީ ފުވައްމުލަކުގެ ކަރަންޓް މައްސަލަ ވީއެންމެ އަވަހަކަށް ހައްލު ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.