ސިޔާސީ ކަންކަމުން މިހާރު ދުރުގައި ހުންނެވި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ދިރިއުޅުއްވުން ވަގުތީ ގޮތުން ގާނާ އަށް ބަދަލުކުރައްވައިފި އެވެ.
ނަޝީދު އިއްޔެ ވަނީ ގާނާގެ ސިޓީއެއް ކަމަށްވާ އަކްރާ އަށް ވަޑައިގެންފައި ވާއިރު، އެ މަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުރިއަށް އޮތް ދެ ތިން އަހަރަށް އެ ސިޓީއަކީ އެމަނިކުފާނުގެ ގެ ކަމަށެވެ.
ނަޝީދު ގާނާ އަށް ވަޑައިގަތީ ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމާ ހަވާލުވެވަޑައިގަތުމަށެވެ. ސީވީއެފްގެ މިހާރުގެ ރިޔާސަތަކީ ގާނާ އެވެ.
މީގެ އިތުރުން ނަޝީދު ވިދާޅުވީ ސީވީއެފް އަށް އިންވެސްޓްމެންޓްތައް ހޯދުމަކީ މި ވަގުތަށް މުހިންމު ކަމެއް ކަމަށެވެ.
ރާއްޖޭގެ ސިޔާސީ މައިދާނުން ނަޝީދު ދުރަށްވަޑައިގަންނަވަން ނިންމެވީ ސީވީއެފްގެ މަގާމު ގާނާގެ ރައީސް އެ މަނިކުފާނަށް ހުށަހެޅުއްވުމާ އެކު އެވެ. ސީވީއެފްގެ އެ ކޮންފަރެންސްއަށް ނަޝީދު ވަޑައިގެންނެވީ މަޖިލީހުގެ ރައީސް ކަމުން އިސްތިއުފާ ދެއްވުމަށް ފަހު އެވެ.