ހަތަރު އަހަރު ކުރިން އެފްއޭއެމުން ހަދަންޖެހޭ ކޮމިޓީތައް ނުހަދައި އޮތުމުން އެ ކޮމިޓީތައް އެކުލަވާލަން ބާއްވާ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އަންނަ ހަފުތާ ބުރާސްފަތިގައި ބޭއްވުމަށް ހަމަޖެހިފައިވާކަން އެސޯސިއޭޝަނުން އިއުލާންކޮށްފި އެވެ.
އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ދެވަނަ ދައުރު ފަށާފައިވަނީ، ޖުލައި 2020 ގައި ބޭއްވި ކޮންގްރެސް އަށް ފަހު އެވެ. އެގްޒެކެޓިވް ކޮމިޓީގެ އިތުރުން ހަތަރު އަހަރަށް އެކުލަވާލާ ކޮމިޓީތައް ވެސް އެ ކޮންގްރެސްގައި އުފައްދަން ޖެހޭ ނަމަވެސް، އެފްއޭއެމުން އޮތީ، އެ އެސޯސިއޭޝަންގެ އަސާސީ ގަވާއިދުގައި ބުނާ ޖުޑިޝަލް ކޮމިޓީތައް އެކުލަވާނުލަ އެވެ.
ކޮމިޓީތައް އުފައްދާފައި ނެތް މައްސަލަ ފެންމަތިވެފައިވަނީ އިއްޔެ ބޭއްވުމަށް ކުރިން ހަމަޖައްސާފައި އޮތް އިންތިހާބުގައި ވާދަކުރައްވަން ހުށަހެޅި އަހްމަދު ތޯރި (ޓޮމް) ގެ ކެންޑިޑެސީ ބާތިލު ކުރި މައްސަލަ އިސްތިއުނާފު ކުރަން އޭނާ އެފްއޭއެމަށް ހުށަހެޅުމުންނެވެ. އިސްތިއުނާފް ކޮމިޓީގެ އިތުރުން އެތިކްސް ކޮމިޓީ އާއި ޑިސިޕްލިނަރީ ކޮމިޓީ ވެސް އުފައްދާފައެއް ނުވެއެވެ.
އިލެކްޓޯރަލް ކޮމިޓީ ކުރިން އެކުލަވާލާފައި އޮތް ނަމަވެސް، އެ ކޮމިޓީ އަލުން އެކުލަވާލަން ނިންމީ، އެ ކޮމިޓީގެ ޗެއާޕާސަންގެ މަގާމުގައި ހުރި އަހްމަދު އަހްމީމު އިސްތިއުފާ ދީފައި ވުމުންނެވެ. އޭނާ އިސްތިއުފާ ދިނީ މިދިޔަ މަހު އިންތިހާބާ ގުޅޭ މައްސަލަތައް ފެންމަތިވެފައި ވަނިކޮށެވެ.