މާރޗް 17 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީސްގެ އިންތިހާބުގައި މީހަކު ރަޖިސްޓްރީވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ރީ-ރަޖިސްޓްރީވާން ބޭނުންވާ މީހުންނަށް އެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
ރީ-ރަޖިސްޓްރީ ވުމުގެ މުއްދަތު މިއަދު ހެނދުނު 8:30 އިން ފެށިގެން މިމަހުގެ ހަތް ވަނަ ދުވަހުގެ ހަވީރު 16:00 އާއި ހަމަޔަށް ވަނީ ހުޅުވާލައިފައެވެ.
އިލެކްޝަން ކޮމިޝަންގެ ފަރާތުން މައުލޫމާތު ލިބިފައވާ ގޮތުގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ ނިމިދިޔަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރަޖިސްޓަރީ ވެފައިވާ ރަށް ނޫން އެހެން ތަނަކަށް ނުވަތަ ރަށަކަށް ރަޖިސްޓަރީވާން އެދިފައިވާ ފަރާތްތައް އެކަނިއެވެ. އަދި ރިސޯޓު، ސިނާއި، ރާއްޖޭންބޭރު އަދި ޖަލުތަކުގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތައް، އެފަރާތެއްގެ ދާއިމީ އެޑްރެހަށް ބަދަލުކޮށްފައިވާ ކަމަށް ވެސް އެ ކޮމިޝަނުން ވިދާޅުވިއެވެ
އޮންލައިންކޮށް ފޯމެއް ފުރައިގެން ރީރަޖިސްޓްރީ ކުރެވޭނެއެވެ. އަދި އޮންލައިންކޮށް ނޫންނަމަ ރަށްރަށުގެ ކައުންސިލް އިދާރާތައް މެދުވެރިކޮށް ފޯމް ހުށަހެޅޭނެއެވެ.
މި އިންތިހާބުގައި ބަހައްޓާ ވޯޓުފޮށީގެ ނަންބަރާއި، ވޯޓުފޮށީގެ ކޯޑާއި، ވޯޓުލާ ސަރަހައްދާއި، ވޯޓުފޮށި ބަހައްޓާ ރަށާއި ތަނުގެ މައުލޫމާތު މިހާރު ވަނީ އާންމުކޮށްފައި ވާއިރު، 1414 އަށް މެސެޖުކޮށްގެން ވެސް މައުލޫމާތު ހޯދޭނެއެވެ.