ރައްޔިތުންގެ މަޖިލިސްގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި މިދިޔަ ހޮނިހިރު ދުވަހު އެމްޑީޕީ މަޖިލިސް އިންތިހާބުގައި ކާށިދޫ ދާއިރާގެ ޓިކެޓް ހާސިލްކުރި އަބްދުﷲ ޖާބިރުގެ ޓިކެޓް އަނބުރާ ނެގުމަށްފަހު ޕާޓީން ވަކިކުރި މައްސަލަ އިސްތިއުނާފަށް ހުށަހަޅައިފިއެވެ.
އެމްޑީޕީ ފިޔަވަޅު އަޅާ ކޮމެޓީގެ ނިންމުމުގައި ވަނީ ޖާބިރު އެ ޕާޓީގެ މެންބަރެއްގެ ގޮތުގައި ހުންނަވައި މުޖުތަމައުގެ އާންމު މިންގަނޑާ ޚިލާފަށް ރައްޔިތުންނާ ބޭއަދަބީ ބަހުރުވައިން މުއާމަލާތްކޮށް، މަސްލަހަތު ގެއްލޭގޮތަށް ތަކުރާރުކޮށް ދަނީ އަމަލުކުރައްވަމުންނެވެ. އެ ކަމަކީ އެމްޑީޕީ އާއި އެ ޕާޓީގެ އާންމު މެންބަރުންގެ މަސްލަހަތަށް އުނިކަންލިބޭ ފަދަ އަމަލެއް ކަމަށްވާތީ އެ ޕާޓީގެ ފިޔަވަޅުއަޅާ ކޮމިޓީން އެ މައްސަލަ ބެލި ކަމަށާއި އެގޮތުން އެ ކޮމިޓީން ނިންމާފައިވަނީ، އެ ޕާޓީގެ ފަރާތުން ވާދަކުރުމުގެ ފުރުސަތު ޖާބިރަށް ނުދިނުމަށާއި، މިއަދުން ފެށިގެން ޕާޓީގެ މެންބަރުކަމުން އޭނާ ވަކިކުރުމަށް ކަމަށެވެ.
އިސްތިއުނާފީ މައްސަލައިގައި ޖާބިރު ބުނެފައިވަނީ މިފަދަ ހުށަހެޅުމެއްގެ ރައްދުގައި މަޖިލީހަށް ފޮނުވާ ލިޔުމަކުން ނުވަތަ ހުދު ޝަޚްސީގޮތުން މަޖިލީހުގެ ކުރިމައްޗަށް ޙާޟިރުވެ އެ މެންބަރަކަށް ޖަވާބުދާރީ ވެވޭ ގޮތަށް ޤަވައިދުގައި ވަނިކޮށް ޤަވައިދާ ޚިލާފަށް އޭނަގެ ޓިކެޓް އަނބުރާ ނަގާފައިވާ ކަމަށާއި ޖަވާބުދާރީ ވާނެ ފުރުސަތެއް އޭނާއަށް ޕާޓީން ނުދެއްވާ ކަމަށާއި ޕާޓީން ވަކިކުރަން ނިންމި ސަބަބު އޭނައަށް އަންގާފައި ނުވާ ކަމަށާއި ޕާޓީން ވަކިކޮށް ޓިކެޓް ނެގިކަމަށް މީޑިއާ ތަކަށް މަޢުލޫމާތު ދީ، އެ ޚަބަރު މީޑިއާ ތަކުގެ ފަލަސުރުޚީ އަށް އެރުވުމަކީ އޭނަގެ އިންތިޚާބީ ޙައްޤަށް އަރައިގަތުން ކަމަށެވެ.
އެހެންކަމުން ޕާޓީގެ އަސާސީ ޤަވާޢިދުގެ ދަށުން ލިބިގެންވާ ޙައްޤުގެ ބޭނުންހިފައި، މި މައްސަލަ އިސްތިއުނާފުގެ މަޖިލީހަށް އިސްތިއުނާފު ކޮށްދިނުމަށް ޕާޓީގެ ޗެއަރޕަރސަން އަށް ޖާބިރު ވަނީ ހުށަހަޅާފައެވެ.