ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ އެކުވެރި ގުޅުން ގޯސްވީ މި ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރަކު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ހުތުރު ބަހުން ދެއްވި ދަށް ފެންވަރުގެ ރައްދުތަކާ ހެދި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނު ވިދާޅުވެއްޖެ އެވެ.
ޕީއެންއެފްގެ އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމީނު ވިދާޅުވީ، އިންޑިއާ އައުޓުގެ ނަމުގައި އެމަނިކުފާނު އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަށް ފެށި ކެމްޕޭނުގެ ތެރެއިން އެ ގައުމާއެކު ޒާތީ އެއްވެސް މައްސަލައެއް ކުރިމަތިވެފައި ނޯންނާނެ ކަމަށާއި އެ މަގުސަދު ވެސް ނެތް ނަމަވެސް, މިހާރު ދިމާވެގެން މިއުޅެނީ އެހެން ކަމެއް ކަމަށާއި އެއީ ލަކްޝަދީބުގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް މޯދީ އާއްމުކުރި އިސްތިހާރަށް ތިން ނައިބު ވަޒީރުން ދެއްވި ރައްދުގެ ސަބަބުން ދިމާވެގެން އުޅޭ މައްސަލައެއް ކަމަށް ޔާމީނު ވިދާޅުވި އެވެ.
ޔާމީނު އިޝާރާތް ކުރެއްވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް މަލާމާތްކޮށް ސޯޝަލް މީޑިއާ ޕްލެޓްފޯމް, އެކްސްގައި ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުން މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާ އަދި މަހުޒޫމް މާޖިދު ކުރެއްވި ޕޯސްޓުތަކަށެވެ. އެ މައްސަލައާ ގުޅިގެން ދެ ގައުމުގެ ދެމެދުގައި ހާރިޖީ ބޮޑު ކޯޅުމެއް ހިނގައި, އެކަމާ ގުޅިގެން އެ ތިން ނައިބުން އަދިވެސް ތިބީ ސަސްޕެންޝަނުގަ އެވެ.
ތިން ނައިބު ވަޒީރުންގެ މައްސަލަ އަދިވެސް ދަނީ ބަލަމުން ކަމަށާއި އެ ތިން ފަރާތް ތިބީ މުސާރަ ހިނގާ ގޮތަށް ސަސްޕެންޑުކޮށްފައި ކަމަށް ޖެނުއަރީ 24، 2024 ގައި ސަރުކާރުން ބުނެފައިވެ އެވެ.