ރާއްޖެ ތަރައްގީ ކުރުމުގައި އެއްވެސް ރަށެއް ތަފާތުނުކޮށް، ހަމަހަމަ ފުރުސަތު ހުރިހާ ރަށަކަށް ހޯއްދައި ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހެނދުނު އޮމަދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި ރަށުގެ މީހުން ވަރަށް ގިނަ ކަންކަމަށް އެދިފައިވާ ކަމަށާއި އެ ހުރިހާ ކަމެއް ވެސް ކޮށްދެވޭނެ ގޮތް ސަރުކާރުން ހަމަޖައްސައި ދޭނެ ކަމަށެވެ. އޮމަދޫގެ ރައްޔިތުން ބޭނުންވާ ކަންކަމުގެ ތެރޭގައި ހިމެނެނީ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކޮށް ދިނުމަށާއި ރަށުގެ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމްކޮށްދިނުން އަވަސް ކޮށްދިނުމާއި ބަނދަރުގެ މައްސަލަ އާއި ބައެއް ކުޅިވަރު ކުޅޭ ތަންތަން ގާއިމްކޮށްދިނުމަށެވެ. އާ ހެލްތު ސެންޓަރުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފައިވާތީ އެކަން އަވަސްކޮށްދިނުމަށް ވެސް އެދުނެވެ.
މިހާރު އިގުތިސާދީ ހާލަތު އޮތް ގޮތުން މަޝްރޫއުތައް ތަރުތީބުކުރަން ޖެހިފައިވާ މި ދަނޑިވަޅުގައި އެންމެ އިސްކަމެއް ދީގެން ކޮށްދޭނެ އެއް ކަމަކީ ސްކޫލުގެ މުޅި މައްސަލަ ހައްލު ކުރުމަށެވެ. އޭގެ ފަހުން ފެނާއި ނަރުދަމާގެ މަސައްކަތް ވެސް ވަރަށް އަވަހަށް ނިންމައިދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ފަރުދީ އަދި އާއިލީ މުއްސަނދިކަމަކީ އެންމެ މުހިންމު އެއް ކަންތައް ކަމަށާއި އެ މަގުން ކުރިއަށް ދާ ނަމަ އަހަރެއް ދެ އަހަރުގެ ތެރޭގައި އެ މުއްސަނދިކަން އިހުސާސް ވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް މުއިއްޒު ވިދާޅުވީ، އިގްތިސާދީ ހާލަތު ރަނގަޅުކުރުމަށް މި ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތައް ބައިނަލްއަގްވާމީ މާހިރުން ބަލައިގަންނަ ކަމަށާއި ޕީއެސްއައިޕީ މަޝްރޫއުތައް ތަރުތީބުކޮށްގެން އެ މަގުން ކުރިއަށް ދާ ނަމަ އިންވެސްޓަރުން ލިބޭނެ ކަމަށެވެ.
އައިއެމްއެފް ފަދަ ތަންތަނުން ސަރުކާރުގެ ސިޔާސަތު ބަލައިގަތުމުން އޭގެ މައްޗަށް އިންވެސްޓާ ކޮންފިޑެންސް ލިބި، ސަރުކާރުގެ އާމްދަނީ އިތުރުވެ, ޕްރައިވެޓް ސެކްޓާ މުއްސަދިވެ, ރައްޔިތުން ބޭނުންވާ ކަންކަން ވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.