ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ބާއްވާ ތާރީހަށް ބަދަލެއް އަޔަސް އެ އިންތިހާބަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނުން ދެންއިތުރު މުއްދަތެއް ނުދޭނެ ކަމަަށާއި މުއްދަތު ހަމަވާން ބާކީ ހަތަރު ދުވަސް އޮތް އިރު، މިހާތަނަށް ފޯމު ހުށަހެޅީ އެންމެ 18 ކެންޑިޑޭޓުން ކަމަށް އެ ކޮމިޝަނުންބުނެފި އެވެ.
އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު މިއަދު ވިދާޅުވީ، އެންމެ ފަހު ވަގުތުގައި ފޯމު ހުށަހަޅަން މަޑުކޮށްފި ނަމަ ފޯމުގައި މައްސަލައެއް ދިމާވެ،އިސްލާހު ކުރަން ޖެހި އެ ފުރުސަތު ނުލިބިދާނެ ކަމަށެވެ.
އިންތިހާބަށް ފޯމު ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ އަންނަ ބުދަ ދުވަހުގެ މެންދުރު ފަހު 2:00 އެވެ. މަޖިލީހުގެ 93 ދާއިރާއަށް ކުރިމަތިލާން އިލެކްޝަންސްކޮމިޝަނުން ހުޅުވާލީ މިދިޔަ މަހުގެ 30 ގަ އެވެ.
ރޯދަމަހާ ދިމާވާތީ އިދިކޮޅު އެމްޑީޕީން ވަނީ ރޯދަމަހު އިންތިހާބު ބޭއްވުން މަނާކުރުމަށް، އިންތިހާބުތަކާ ބެހޭ އާއްމު ގާނޫނަށް އިސްލާހު ހުށަހަޅައިފަ އެވެ. އިންތިހާބުތަކާ ބެހޭ އާއްމު ގާނޫނަށް ހުށަހެޅި އިސްލާހު ފާސްކުރަން ވަގުތީ ކޮމިޓީން ވަނީ ނިންމައިފަ އެވެ.