ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އައިލެންޑް އޭވިއޭޝަން ސާވިސް މެދުވެރިކޮށް އެމްޑީޕީން ކުރި ދަތުރުތަކަށް ލިބެންޖެހޭ 5.6 މިލިއަން ހޯދުމަށް މިހާރުދީފައިވާ މުއްދަތުގައި އެ ފައިސާ ނުދައްކައިފި ނަމަ އެ ޕާޓީގެ މައްޗަށް ދައުވާ ކުރާނެ ކަން އެ ކުންފުނިން އަންގައިފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މޯލްޑިވިއަން އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަން މެދުވެރިކޮށް މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުން ފެށިގެން އޮކްޓޫބަރުމަހާހަމައަށް އެމްޑީޕީން ނެގި ޓިކެޓާއި ޗާޓަރު ދަތުރުތަކަށް 5.6 މިލިއަން ރުފިޔާ އަރާފައިވެއެވެ.
އެ ފައިސާ ދައްކަން އައިލެންޑް އޭވިއޭޝަނާއި އެމްޑީޕީން އޭރު އެއްބަސްވެފައި އޮތީ ހިދުމަތް ހޯދާ ތާރީހުން ފެށިގެން 48 ގަޑިއިރެވެ.
ފައިސާ ދައްކަން އެމްޑީޕީ އަށް އައިލެންޑް އޭވިއޭޝަނުން އެންމެ ފަހުން ދިން ސުންގަޑިއަކީ މި މަހުގެ 18 ވަނަ ދުވަހެވެ.
އޭގެ ކުރިން ފައިސާ ނުދައްކައިފި ނަމަ ޝަރުއީ މަރުހަލާތައް ފަށާނެ ކަމަށް ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެމްޑީޕީ އަށް އަންގައިފަ އެވެ.