މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލުމަށް އިންޑިއާގެ އެހީގައި ސަރުކާރުން ހަދާ ތިލަމާލެ ބްރިޖް ޕްރޮޖެކްޓުގެ 33 ޕަސެންޓް މަސައްކަތް ނިމިއްޖެ އެވެ.
ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ސްޓޭޓް އަދި ޑެޕިއުޓީ މިނިސްޓަރުންނާއި އިންޖީނިއަރުންގެ ޓީމެއް މިއަދު ވަނީ ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށް ގެންދާ ގޮތް، ސައިޓަށް ވަޑައިގެން ބައްލަވާލައްވާފައިވާއިރު ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް ތޯއާމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ތިލަމާލެ ބްރިޖް ޕްރޮޖެކްޓުގެ ޕައިލިން މަސައްކަތުގެ 54.4 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށާއި ތިލަމާލެ ބްރިޖް ޕްރޮޖެކްޓުގެ ސްޕީޑް މިހާރު ހުރީ މަސައްކަތުގެ ޝެޑިއުލްއާ އަޅާބަލާއިރު 1.2 ޕަސެންޓް ކުރީގައި ކަމަށެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން ކުރިން ބުނި ގޮތުގައި، މިހާރު ކަނޑައަޅާފައިވާ ޝެޑިއުލްއާ އެއްގޮތަށް މަސައްކަތް ދާ ނަމަ، އަންނަ އަހަރު ފެބްރުއަރީ އަށް މާލެ އާއި ވިލިމާލެ ގުޅާލެވޭނެ އެވެ. އަދި މުޅި މަޝްރޫއު ނިންމާލެވޭނެ ކަމަށް ލަފާކޮށްފައި ވަނީ 2026 ވަނަ އަހަރުގެ ފަހުކޮޅުގަ އެވެ.