ގެދޮރުވެރިޔާ ސްކީމްގެ ފްލެޓްތަކުގެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ތަހުގީގުކުރަން ފަށައިފިއެވެ.
އެޗްއާރްސީއެމް އިން ނިންމީ ކުރީ ސަރުކާރުން ދޫކުރި 4000 ފްލެޓުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރުމަށް ފަހު 60 ޕަސެންޓު ފްލެޓުތައް ދޫކޮށްފައި ހުރީގޯސްކޮށް ކަމަށެވެ.
އެޗްއާރްސީއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އޭސީސީން ތަހުގީގު ކުރަމުންދާ މައްސަލާގައި ގިނަ ބައެއްގެ ހައްގުތައް ގެއްލިގެންދާ ކަމަށް ބުނާ މައްސަލައެއް އެ ކޮމިޝަނަށް ލިބިފައިވާ ކަމަށާއި، އެ މައްސަލަ ބަލާނީ އިންސާނީ ހައްގުތަކުގެ ނަޒަރުން ކަން ހިނގާފައިވާ ގޮތަށް ކަމަށެވެ.
މީގެއިތުރުން ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް ވަނީ ފްލެޓުތައް ދޫކުރި މައްސަލަ ތަހުގީހުކޮށް އޭސީސީން ނިންމުމަށް ފަހު، ސިއްރުން ކަން ކުރަންވީ ގޮތް ހައުސިން މިނިސްޓްރީ އަށް އަންގަމުންދާ ކަމަށް ތުހުމަތުކުރައްވައިފައެވެ. ނިޔާޒް ވިދާޅުވީ އޭސީސީގެ ޕްރެސް ކޮންފަރެންސްގައި އިއުލާނުކުރި ވާހަކަތައް އިއުލާނުކުރީ ހައުސިން މިނިސްޓްރީ އާ އެކު ސިއްރު ދެވަނަ ބައްދަލުވުމެއް ވެސް ބޭއްވުމަށް ފަހު ކަމަށެވެ.
އޭސީސީގެ ނިންމުންތަކާ ބެހޭ ގޮތުން އެޓާނީ ޖެނަރަލް އޮފީހުގެ ލަފަޔަކަށް ހައުސިން މިނިސްޓްރީން އެދިފައިވާ ކަމަށް އެ މިނިސްޓްރީން މައުލޫމާތު ދިން ކަމަށް ވެސް އެޗްއާރްސީއެމް އިން ވަނީ ބުނެފައެވެ. އަދި މި މައްސަލަ ވީހާވެސް އަވަހަށް ބަލާ ނިންމާނެކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.