އާސަންދައިގެ އެހީގައި އައިވީއެފް ހެދުމަށް ބޭނުންވާ އުސޫލު ނިންމައި މި މަހު އިއުލާންކުރާނެ ކަމަށް އެންސްޕާއިން ބުނެފި އެވެ.
އާސަންދައިގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވީ އައިވީއެފާއި އައިޔޫއައިއަށް އާސަންދަ ދިނުމާ ގުޅޭ އުސޫލަށް ޓެކްނިކަލް ބޭފުޅުންގެ ލަފާ ހޯދަމުން އަންނަ ކަމަށާއި، މި ހަފުތާ ނިމޭއިރަށް ޓެކްނިކަލް ކޮމެންޓުތައް ހޯދާ ނިންމާނެ ކަމަށެވެ.
އިންފާޓިލިޓީއަށް ހާއްސަ އުސޫލު ރައީސް އޮފީހަށް ފޮނުވައި މި މަހުގެ ތެރޭގައި ގެޒެޓުކުރެވޭނެ ކަމަށާއި އޭގެ ފަހުން އެ ކަންކަމަށް، ސަރުކާރުގެ މެޑިކަލް އިންޝުއަރެންސް ލިބޭނެ ކަމަށް ވެސް ހީނާ ވިދާޅުވިއެވެ.
އައިވީއެފްއާ އެކު، ދަރިމައިވުމާ ގުޅޭ ފަރުވާތައް އާސަންދައިގެ ތެރެއިން ލިބޭނެ ގޮތް ހަމަޖައްސުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ. އެ ވައުދާ އެއްގޮތަށް، އައިވީއެފް އަދި އައިޔޫއައި ނޫން އެހެން ހުރިހާ ފަރުވާއަކަށް މި އަހަރުން ފެށިގެން އާސަންދަ ލިބެ އެވެ.
ނަމަވެސް، އެންސްޕާއިން “ހުސްނުވާ އާސަންދަ ހިންގުމުގެ ގަވައިދު” އަށް މިދިޔަ ޑިސެމްބަރު މަހު ގެނައި ބަދަލުގައިވަނީ ދަރިމައިނުވުމުގެ މައްސަލަތަކުގެ ފަރުވާއަށް ވަކިން ހާއްސަ އުސޫލެއް ހަދަންޖެހޭ ގޮތަށް އާސަންދައިގެ ގަވައިދު ބަދަލުކޮށްފަ އެވެ.