އިންޑިއާގެ ކޮޗިންގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ތިން ދިވެއްސަކަށް އަނިޔާވެފައި ވާއިރު އޭގެ ތެރެއިން ފަރާތެއް އަދިވެސް އައިސީޔޫގައި ކަމަށާއި އެފަރާތްތަކުގެ ހާލު ސީރިއަސް ކަމަށް އަނިޔާވި ފަރާތްތަކުގެ ޢާއިލާއިން ބުނެފިއެވެ.
ކޮޗިންގެ ކިމްސް ހޮސްޕިޓަލުގައި އަނިޔާވެފައިވަނީ ރ. އަލިފުށީ އެއް އާއިލާއެއްގެ ބަޔަކަށެވެ. އެއީ އުމުރުން 25 އަހަރުގެ ދަރިފުޅާއި އޭނާގެ 50 އަހަރުގެ މަންމަ އާއި 54 އަހަރުގެ ބޮޑުދައިތައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހާލު ސީރިއަސްވެ އަދިވެސް އައިސީޔޫގައި ތިބި ދެ ފަރާތގެ ތެރެއިން އެކެއްގެ މައިބަދައިގައި ރެނދުލައި ބޯފަޅައިގެން ގޮސްފައިވާއިރު އަނެކަކުގެ ފައި ވަނީ ބިންދައިގެން ގޮސްފައެވެ.
މި އެކްސިޑެންޓު ހިނގީ ކޮޗިން ކައިރީގައި ހުރި ހޮސްޕިޓަލަކަށް ޑޮކްޓަރަށް ދައްކަން ދިއުމަށް ފަހު އެނބުރި ޓްރިވެންޑްރަމަށް ދިޔަ މަގުމަތީ ހައިވޭގެ އެއް ފަޅީގައި ކާރު ޑްރައިވަރު މަޑުކޮށްލި ވަގުތު އަނެއް ފަޅިން އައި ކާރެއް ޖެހިގެންކަމަށް މައުލޫމާތު ލިބިފައިވެއެވެ.