ވަކި މީހަކަށް ވީތީ ލުޔެއް ނުދޭނެކަމަށާއި މި ސަރުކާރުން ކޯޓުތަކަށް ނުފޫޒު ނުފޯރުވާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
އިހުސާން މިފަދައިން ވިދާޅުވެފައި ވަނީ މިއަދު އެ މިނިސްޓްރީން ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ރީގެ ރައީސް އަބްދުﷲ ޔާމީނަށް އެއްވެސް ލުޔެއް ދިނުމަށް ސަރުކާރުން މަސައްކަތް ކުރޭތޯ ނޫސްވެރިއަކު ސުވާލު ކުރުމުން މިނިސްޓަރު ވިދާޅުވީ އެހެން ވަކި މީހަކު ވެގެން ހާއްސަ އުސޫލެއްގެ ދަށުން ލުޔެއް ނުދެވޭނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ހުކުމެއް ތަންފީޒު ކުރަމުންދާ ފަރާތަކަށް ލުޔެއް ދޭން ފެންނަ ހާލަތެއްގައި އުސޫލުގެ ތެރެއިން ލުއި ދޭނެ ކަމަށާއި އެގޮތުން ބޭސް ފަރުވާގެ ކަމަކަށް ނުވަތަ ހާއްސަ އެހެން ހާލަތެއްގައި ނަމަ އެކަމަކަށް ރިއާޔަތްކޮށް ފިޔަވަޅެއް އަޅާނެ ކަމަށެވެ.
ނަމަވެސް އެއްވެސް ހާލެއްގައި މި ސަރުކާރުން ކޯޓުތަކަށް ނުފޫޒު ނުފޯރުވާނެ ކަމަށާއި، ގާނޫނުން ލިބިދޭ ރައްކާތެރިކަމާ ހިމާޔަތް ކޮންމެ މީހަކަށް ވެސް ލިބިގެންދާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
ހިޔާނާތުގެ ކުށް ސާބިތުވެ 11 އަހަރަށް ޖަލަށް ލުމަށް ރައީސް ޔާމީނުގެ މައްޗަށް ހުކުމް ކޮށްފައިވާއިރު އެމަނިކުފާނު މިވަގުތު ހުންނެވީ ގޭ ބަންދެއްގައެވެ.