އިގުތިސޯދީ ގޮތުން ރާއްޖެ ބަދަލުކޮށްލާނެ ފަދަ މަޝްރޫއަކަށް ރަސްމާލެ ވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޔުނައިޓެޑް އަރަބިސް އެމިރޭޓްސްގެ (ޔޫއޭއީ)ގެ ދުބާއީގައި ކުރިއަށްދާ ވޯލްޑް ގަވަންމަންޓްސް ފޯރަމްގައި މިއަދު ދެއްވި ތަގުރީރެއްގައި ރައީސް ވިދާޅުވީ ރަސްމާލެ އަކީ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަށް ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށާއި، އިގުތިސޯދީ ގޮތުން ރާއްޖެ ބަދަލުކޮށްލާނެ ފަދަ މަޝްރޫއަކަށް ރަސްމާލެ މަޝްރޫއުވާނެކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅުކުރުމަށް ވަރަށް ގިނަ މަޝްރޫއުތަކާއި ސިޔާސަތުތައް ސަރުކާރުން ރާވާފައިވާ ކަމަށެވެ. އެގޮތުން ޓްރާންޝިޕްމެންޓު ބަނދަރެއްގެ މަސައްކަތުގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީ ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން މި ޒަމާނުގައި އެފިޝެންސީ އިތުރުކުރުމަށްޓަކައި އާޓިފިޝަލް އިންޓެލިޖެންސްގެ ބޭނުން ހިފަން ޖެހޭނެ ކަމަށާއި ރައީސްގެ އަމާޒަކީ ޒަމާނީ އެފަދަ ޓެކްނޮލޮޖީތަކުގެ އެހީގައި ރާއްޖޭގެ އުފެއްދުންތެރިކަން ކުރިއަރުވައި، އިންވެސްޓަރުން ގަޔާވާ މަންޒިލެއްގެ ގޮތުގައި ރާއްޖެ ހެދުން ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.