ޖުމުލަ 70،000 ހައުސިން ޔުނިޓު އަޅަން ސަރުކާރުން ނިންމާފައިވާކަމަށް ދުބާއީގައި އިއްޔެ ފެށި މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމްގައި ސަރުކާރުން ހިއްސާކުރި މައުލޫމާތުން ހާމަވެއްޖެއެވެ.
އެގޮތުން ސަރުކާރުން ވަނީ އުތުރާއި ދެކުނުގައި 40،000 ހައުސިން ޔުނިޓާއި ރަސްމާލޭގައި 30،000 ހައުސިން ޔުނިޓާ އެކު ޖުމްލަ 70،000 ހައުސިން ޔުނިޓު އަޅަން ނިންމާފައެވެ. އަދި ހައުސިން ޔުނިޓުތައް އެޅުމަށް އިންވެސްޓަރުން ހޯދުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރަމުންނެވެ.
އުތުރުން ހއ، ހދ. އަދި ށ. އަތޮޅުގައި ހައުސިން ޔުނިޓު އެޅުމަށް ނިންމާފައިވާއިރު ދެކުނުން އެޅުމަށް ހަމަޖެހިފައިވަނީ ގއ، ގދ، ފުވައްމުލައް އަދި އައްޑޫ ސިޓީ ގައެވެ.
އެގޮތުން އަޅަން ހަމަޖެހިފައިވަނީ ހަތަރު ބުރި އާއި ތިން ބުރީގެ ހައުސިން ޔުނިޓްތަކާއި، 15 އަދި 20 ބުރީގެ ހައުސިން ޔުނިޓްތަކެވެ.
ގޯތި ގެދޮރަށް ބޭނުން ޖެހިފައިވާ އާންމުންގެ ހާލަތު އަބަދު ވެސް އަޕްޑޭޓުވަމުންދާނެ ފަދަ ޕޯޓަލެއް ގާއިމްކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން، ރަށްރަށާއި ސިޓީތަކުގައި ސަރުކާރުތަކުން ގާއިމްކުރި ހައުސިން ޔުނިޓުތަކުގެ ކުލި ކުޑަކޮށްދީފައިވާކަންވެސް ވަނީ ފާހަގަކުރައްވާފައެވެ.
މިގޮތުން ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި މިނިވަންކަމާ ގުޅޭ މައްސަލަތަކަށްފަހު އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ރާއްޖެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަތައް ހައްލުކުރުމަށެވެ.