ޔޫއޭއީގައި އޮތް ވޯލްޑް ގަވަމަންޓްސް ސަމިޓް 2024 ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފިއެވެ.
ރައީސްގެ މި ދަތުރުފުޅަކީ ޔޫއޭއީ ގެ ވައިސް ޕްރެޒިޑެންޓް، ބޮޑުވަޒީރު، ޔޫއޭއީގެ މިނިސްޓާ އޮފް ޑިފެންސް، އަދި ދުބާއީގެ ވެރިޔާ، ޝައިހް މުހައްމަދު ބިން ރާޝިދު އަލް މަހްތޫމްގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގެ ތެރެއިން ރައީސް ވަނީ ދުބާއީގައި ބޭއްވި “އިންވެސްޓް މޯލްޑިވްސް 2024 ދުބާއީ”ގައި ތަގުރީރު ކުރައްވާފަ އެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ރާއްޖެއަށް ގެންނަން އެދޭ ބޮޑެތި ބަދަލުތަކާއި ހާސިލުކުރަން އެދޭ ލަނޑުދަނޑިތައް ހާސިލު ކުރުމުގައި އަމިއްލަ ވިޔަފާރިތަކުގެ އިސްނެގުމާއެކު އެދާއިރާ ކުރިއަރައި ދިއުމުގެ މުހިންމުކަން ފާހަގަކުރެއްވި އެވެ.
މީގެއިތުރުން ރާއްޖެއިން ކުރިމަގުގައި ހާސިލުކުރަން ބޭނުންވާ ދެމެހެއްޓެނިވި ތަރައްގީގެ މުހިންމު ތަސައްވުރު ރައީސް ވަނީ އިއުލާން ކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ވާލްޑް ގަވާމަންޓްސް ސަމިޓު 2024ގެ ހަވާސާގައި މަތީ ފަންތީގެ ބައްދަލުކުރެއްވުންތައް ބާއްވަވާފައެވެ.
ރައީސްގެ މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާވެސް ބައްދަލުކުރައްވާފައެވެ. އަދި “ރިވެލި” ނަމަކަށް ކިޔުނު ޕްރޮގްރާމްވެސް ވަނީ އިފްތިތާހުކޮށްދެއްވާފައެވެ. މި ޕްރޮގަރާމަކީ ބޭރު ގައުމުތަކުގައި ދިރިއުޅޭ ދިވެހި ކުދިންނަށް ދިވެހިބަހާއި އިސްލާމީ ތަރުބިއްޔަތު ކިޔަވައިދޭން ނިންމާ އިފްތިތާހުކުރި ޕްރޮގްރާމެކެވެ.