މަޖިލިސް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ މެދުގައި ގުރުއަތުލުން މާދަމާ ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އިސްމާއިލް ހަބީބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކެންޑިޑޭޓުންގެ މެދުގައި ނަގާ ގުރުއަތު ލުން މާދަމާ މެންދުރު 02:00 ގައި ދަރުބާރުގޭގައި ފެށިގެން ދާނެ ކަމަށެވެ.
މީގެއިތުރުން ހަބީބް ވިދާޅުވީ ގުރުއަތު ނެގުމަށް ކެންޑިޑޭޓަކަށް ނާދެވިއްޖެ ހާލަތެއްގައި ކެންޑިޑޭޓުގެ ސިޓީއާ އެކު އެހެން މީހަކު ފޮނުވުމުން ގުރުއަތު ނެގުމުގައި ބައިވެރި ވެވޭނެ ކަމަށެވެ.
ނަމަވެސް ކެންޑިޑޭޓުންގެ ބަދަލުގައި އެހެންފަރާތެއް ހާޒިރުނުވާ ނަމަ އެ ކެންޑިޑޭޓެއްގެ ގުރުނަގާނީ އީސީގެ ފަރާތުން ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. އަދި ގުރުއަތު ނަގާ ގަޑިއަށް ހާޒިރު ނުވެއްޖެނަމަ އެ މީހަކު އަންނަންދެން ގުރުއަތުލުން ފަސް ނުކުރެވޭނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން ހުރިހާ ކެންޑިޑޭޓުންވެސް ކަނޑައަޅާފައިވާ ގަޑިއަށް ހާޒިރުވުމަށް އީސީއިން އިލްތިމާސްކުރެއެވެ.
މަޖިލިސް އިންތިހާބުގައި ކުރިމަތިލުމަށް 381 ފަރާތަކުން ވަނީ ފޯމު ހުށަހަޅާފައެވެ. މި އަހަރުގެ މަޖިލީސް އިންތިހާބުގައި 93 ދާއިރާއަށް މެންބަރުން އިންތިހާބުކުރާނެއެވެ. މަޖިލިސް އިންތިހާބުގައި ވާދަ ކުރުމަށް އީސީއިން ހުޅުވާލާފައި ވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ.
ރައްޔިތުންގެ މަޖިލިސް އިންތިހާބު ބޭއްވުމަށް އަންނަ މާޗު މަހުގެ 17 ވަނަ ދުވަސް ހަމަޖައްސާފައި ވީނަމަވެސްމަޖިލީސް އިންތިހާބު ބާއްވާ ތާރީހު ރޯދަމަހާ ދިމާވާތީ، އިންތިހާބުތައް ރޯދަ މަސް ނިމޭތާ 10 ދުވަސް ފަހުން ބޭއްވޭ ގޮތަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނު އިސްލާހު ކުރަން މަޖިލީހުން ވަނީ ފާސްކޮށްފައެވެ.