ސިފައިންގެ ވަޒީފާއަށް އެދި ހުށަހެޅުމުގެ މުއްދަތު މިމަހުގެ 29 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފިއެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން މިއަދު ބުނީ މިދިޔަ މަހުގެ 22 ގައި ސިފައިންގެއަށް ވަނުމުގެ ފުރުސަތު ހުޅުވާލިއިރު އެންމެ ފަހު ތާރީހަކަށް ދީފައި އޮތީ މިއަދު ނަމަވެސް އެ މުއްދަތު މި މަހު 29 އަށް އިތުރު ކޮށްފައިވާ ކަމަށެވެ.
ސިފައިންގެ ވަޒީފާއަށް ވަދުމުގެ ޝަރުތުތައް:
- ދިވެހި ރައްޔިތެެއްކަމުގައިވުން
- އުމުރުން 18 އަހަރު ފުރި 25 އަހަރު ނުފުރޭ މީހަކު ކަމުގައިވުން
- ސިފައިންގެ ވަޒީފާ އަދާކުރެވޭފަދަ ސިއްހަތެއްގައި ހުރި މީހަކު ކަމުގައިވުން
- ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ކުށުގެ ރެކޯޑެއް އޮތް މީހަކު ކަމުގައި ނުވުން
- އެއްވެސް ސިޔާސީ ޕާޓީއެއްގެ މެމްބަރެއް ކަމުގައި ނުވުން ހިމެނެއެވެ.
މީގެއިތުރުން ކެންޑިޑޭޓާ ކުރާ އިންޓަވިއުތަކަށާއި، ފުރަތަމަ އިންޓަވިއުއިން ފާސްވާ މީހުންނަށް ދެވޭ ފިޒިކަލް (ޕުޝްއަޕްސް، ސިޓްއަޕްސް، ޕުލްއަޕްސް، ދުވުން އަދި ސްވިމިން) އަދި އެޕްޓިޓިއުޓް ޓެސްޓުން އެމީހަކު ހޯދާ ނަތީޖާގެ އިތުރުން އިސްކޮޅާއި ހަށިގަނޑުގެ ރޫފައަށްވެސް ބަލާނެއެވެ.
ވަޒީފާއަށް އެދޭ ފޯމު މިމަހުގެ 29 ވަނަ ދުވަހުގެ 14:00ގެ ނިޔަލަށް އެމްއެންޑީއެފްގެ އޭރިއާ ކޮމާންޑްތަކުންނާއި ޑިފެންސް މިނިސްޓްރީން ބަލައިގަންނާނެއެވެ. އަދި ފޯމު ޑިފެންސް މިނިސްޓްރީގެ ވެބްސައިޓުންނާއި އެމްއެންޑީއެފް ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.
ސިފައިންގެ ވަޒީފާއާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް 3035830 ގުޅުމުން ނުވަތަ އެމްއެންޑީއެފްގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.