ކުރިއަަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލި އަންހެނުންގެ ނިސްބަތަކީ 10 ޕަސެންޓު ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އަންނަ މަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ކުރިމަތިލުމުގެ ވަގުތު ހަމަވެފައިވާއިރު، 93 ދާއިރާއަށް 381 ކެންޑިޑޭޓުން ފޯމު ވަނީ ހުށަހަޅައިފަ އެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބް ރޭ “އެކްސް“ގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، މީގެ ތެރެއިން 10.76 ޕަސެންޓަކީއަންހެނުން ކަމަށެވެ.
އެއީ 41 އަންހެން ކެންޑިޑޭޓުންނެވެ.
ފޯމު ހުށަހެޅި ކެންޑިޑޭޓުންގެ ތެރެއިން ޝަރުތު ހަމަނުވާ މީހުންގެ ފޯމުތައް އީސީ އިން އަދި ބާތިލްކުރާނެ އެވެ. އެ މައުލޫމާތު އީމެއިލްގެ ޒަރީއާއިން އަންގާނެކަމަށް ހަބީބް ވިދާޅުވި އެވެ.
މަޖިލިސް އިންތިހާބުގައި އެންމެ ގިނަ އަންހެން ކެންޑިޑޭޓުން ވާދަކުރަނީ އިދިކޮޅު ޑިމޮކްރެޓްސް އިންނެވެ. އެ ޕާޓީން 13 އަންހެން ކެންޑިޑޭޓުންވާދަކުރައްވަން ފޯމު ހުށަހަޅުއްވައިފައި ވާއިރު އެމްޑީޕީން އަންހެން ހަތަރު ކެންޑިޑޭޓުން ފޯމު ހުށަހެޅުއްވިއެވެ، ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީން ވާދަކުރައްވަނީ އެންމެ ދެ އަންހެން ކެންޑިޑޭޓުންނެވެ. ޖުމްހޫރީ ޕާޓީން ވެސް ދެ އަންހެން ކެންޑިޑޭޓުން ވާދަކުރައްވަ އެވެ.