އިންޑިއާ ސިފައިން ފޮނުވާލުމުގެ ކަންކަން ނިންމުމަށް މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ބޭނުންވާކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވެފައިވަނީ ދެކުނުގެ ހަތަރު އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު އައްޑޫސިޓީ ހުޅުމީދޫގައި ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަށް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ބޭނުންވާ ކަމަށެވެ.
މީގެއިތުރުން ރާއްޖޭގެ ފޮރިން މިނިސްޓްރީން ހާމަކުރި ގޮތުގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ފުރަތަމަ ގުރޫޕް ކުރިއަށް އޮތް މާޗް މަހު އަދި ފަހު ގުރޫޕް މިއަހަރުގެ މެއި 10 ވަނަ ދުވަހު ބޭލުމަށް ދެ ގައުމުގެ ސަރުކާރުން ވަނީ އެއްބަސްވެފައެވެ.
އައްޑޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު މިއަދު ވިދާޅުވީ މަޖިލިސް އިންތިހާބު އޮންނާނީ އިލެކްޝަންސް ކޮމިޝަނުން މިހާރުވެސް އިއުލާނުކޮށްފައިވާ ތާރީހު ކަމަށްވާ މާޗް 17 ވަނަ ދުވަހު ކަމަށެވެ.
ނަމަވެސް މަޖިލީހުގެ އިންތިހާބު ރޯދަ މަސް ނިމޭތާ ދިހަ ދުވަސް ފަހުން ބާއްވަން ރައްޔިތުން މަޖިލީހުން ވަނީ ދާދިފަހުން ފާސްކޮށްފައެވެ. އެ ބިލު ރައީސް މުއިއްޒު އަދި ތަސްދީގެއް ނުކުރައްވައެވެ.