މޯލްޑިވިއަން އިން އޭޓީއާރު މަރުކާގެ އިތުރު ދެ މަތިންދާބޯޓު ގެންނަން ނިންމައިފި އެވެ.
ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން އިއްޔެ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ސިންގަޕޫރުގައި މިހާރު ކުރިއަށް ގެންދާ ސިންގަޕޯ އެއާޝޯގައި އޭޓީއާރު 42-600 ދެ ބޯޓު ގެންނަން އޯޑަރު ދީފައިވާ ކަމަށާއި އެ ބޯޓުތައް މި އަހަރުގެ ފަހުކޮޅު ރާއްޖެ ގެންނާނެ ކަމަށް މޯލްޑިވިއަނުން ބުންޏެވެ.
އޭޓީއާރު ކުންފުނިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މޯލްޑިވިއަންގެ ފްލީޓަށް އޭޓީއާރު މަރުކާގެ ބޯޓުތައް އިތުރުކުރުމުން ތިމާވެއްޓާ ރައްޓެހި އަދި ޒަމާނީ ރަނގަޅު ހިދުމަތެއް ދެވޭނެ ކަމަށެވެ. އަދި ހަރަދު ކުޑަ ބޯޓުތަކަކުން މުޅި ރާއްޖެ ގުޅާލެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި މޯލްޑިވިއަން އެއާލައިނަށް ވައިޑް-ބޮޑީ ދެ ބޯޓު ގެނެސް، އާ ހަތް މަންޒިލަކަށް ދަތުރުތައް ފަށާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ. ވައިޑް-ބޮޑީ ބޯޓުތަކުން އެއްފަހަރާ 275 ފަސިންޖަރުންނަށް ދަތުރު ކުރެވޭނެ އެވެ. އަދި ދުރު މަންޒިލްތަކަށް ސީދާ ދަތުރުތައް ކުރެވޭނެ އެވެ.