-Advertisement-

-Advertisement-

ގދ.ތިނަދޫގައި ރާއްޖޭގެ ފުރަތަމަ ފްލޯޓިން ޓާމިނަލް

ތިނަދޫގައި ހަދާ އިންޓަނޭޝަނަލް އެއާޕޯޓުގެ ކުރެހުމެއް

ތައިލެންޑުގެ އަމިއްލަ ކުންފުންޏެއްގެ އަމިއްލަ ހަރަދުގައި ގދ. ތިނަދޫގައި ހަދަން ފަށާ އިންޓަނޭޝަނަލް އެއާޕޯޓުގެ އަމަލީ މަސައްކަތް ދެ އަހަރުގެ ތެރޭގައި ނިމޭނެ ކަމަށާއި އެއީ ތިނަދޫގެ ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ހަދައިދޭނެ މަޝްރޫއަކަށް ވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ރައީސް މިހެންވިދާޅުވީ ތިނަދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އެމްއޯޔޫގައި ތައިލެންޑުގެ ޕޭން ޕެސިފިކްއާ ކުންފުންޏާ އެކު ދިވެހި ސަރުކާރުން ސޮއިކުރުމަށް ފަހު ވާހަކަފުޅު ދައްކަވަމުންނެވެ. މިއެއާޕޯޓަކީ 600 މިލިއަނެއްހާ ޑޮލަރު ހަރަދު ކޮށްގެން ހަދާ އެއާރޕޯރޓެކެވެ.

އެ ހަފުލާގައި ދިވެހި ސަރުކާރުގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބެވެ. ޕޭން ޕެސިފިކްއާ އިން ސޮއިކުރެއްވީ އެ ތަނުގެ ސީއީއޯ ޒިރާޓް ޕެތްނުންތަވޮންގް އެވެ.

ތިނަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ، މިއީ ރާއްޖޭގެ ސިޓީތައް ތަރައްގީ ކުރުމަށް އެ މަނިކުފާނު ހާއްސަ އިސްކަމެއް ދެއްވާތީ ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށާއި އެ މަޝްރޫއާ އެކު މުޅި މި ސަރަހައްދު ތަރައްގީ ވާނެ ކަމަށެވެ.

ތިނަދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަޝްރޫއުގެ ދަށުން، މި ރަށުގައި ހިއްކާފައި އޮތް ސަރަހައްދަށް އިތުރު 50 ހެކްޓަރުގެ ބިން އިތުރު ކުރާނެ އެވެ. އަދި ތިނަދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭގައި ހަތަރު ކިލޯ މީޓަރު ހުންނާނެ ކަމަށާއި އެ އެއާޕޯޓު ވާނީ ދުނިޔޭގައި ވެސް ފާހަގަކޮށްލެވޭ ލޭންޑްމާކަކަށް ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ރާއްޖޭގައި ހެދޭ ފުރަތަމަ ފެންމަތީގެ ޓާމިނަލް އޮންނާނީ ވެސް އޭރުން ތިނަދޫ އިންޓަނޭޝަނަލް އެއާޕޯޓުގަ އެވެ. އެހެންވެ، އެކަން ވާނީ ޓޫރިސްޓުންގެ ކަޅިތައް ވެސް ތިނަދު އަށް ހުއްޓޭނެ މަންޒިލެއްގެ ގޮތުގައި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ތިމާވެއްޓާއި ރައްޓެހި ކޮންސެޕްޓަކަށް ހަދާ އެއާޕޯޓާ އެކު، ތިނަދު އާއި މުޅި ގދ. އަތޮޅަށް ވެސް ވަޒީފާގެ ފުރުސަތުތައް އިތުރުވާނެ ދާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-