މާލޭގެ ބޮޑުތަކުރުފާނު މަގުގައި ލައިސެންސު ނެތް މީހަކު ދުއްވާފައި ދިޔަ ސައިކަލެއް، ބަހަކާއި ކާރެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ސައިކަލު ދުއްވަން އިން މީހާގެ ފައި ވަނީ ބިންދައިގެން ގޮސްފައެވެ. މިކަމާ ގުޅިގެން ފުލުހުން ބުނީ އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން މީހާއަށް އަނިޔާވެ އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ކަމަށެވެ. އަދި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި އެކްސިޑެންޓު ހިނގާފައިވަނީ ބޮޑުތަކުރުފާނު މަގު ހުޅަނގުން އިރަށް ދުއްވާފައި ދިޔަ ސައިކަލެއް ސްޓެލްކޯ ކައިރި ބަސް ސްޓޮޕްގައި އޮތް އެމްޓީސީ ބަހެއްގެ ފަހަތުގައި ސައިކަލުން ޖެހި މަގުގެ އަނެއް ފަރާތުގައި އޮތް ކާރެއްގައި ޖެހިގެންނެވެ.
މިހާރަކަށް އައިސް މިފަދަ ނުރައްކާތެރި އެކްސިޑެންޓުތައް ހިނގާ ނިސްބަތް މިވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އަދި އެކްސިޑެންޓުތަކުގައި އެކި ވަރުގެ އަނިޔާތައް ލިބި ބައެއް މީހުންގެ ފުރާނަވެސް ވަނީ ގެއްލިފައެވެ.